އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ އެމްބިއުލާންސް ހަލާކުވެފައި އޮތުމުން، ހާލު ސީރިއަސްވި ބަލި މީހަކު ހޮސްޕިޓަލަށް ނުގެންދެވި އޮއްވާ މަރުވެއްޖެ އެވެ.
އެނގިފައިވާ ގޮތުގައި އައްޑޫ ސިޓީ ހިތަދޫގައި ހާޓްއެޓޭކެއް ޖެހުނު މީހަކު އެމްބިއުލާންސްގައި ހޮސްޕިޓަލަށް ނުގެންދެވި ލަސްވާތީ، ޕްރައިވެޓް ކާރަކަށް އަރުވައިގެން ހޮސްޕިޓަލަށް ގެންދިޔައިރު ވަނީ މަރުވެފަ އެވެ.
ނަން ނުޖެހުމަށް ޝަރުތުކޮށް ވީނިއުސްއާއި ވާހަކަ ދެއްކި މީހަކު ބުނީ މަރުވި މީހާ އޭނާގެ ރައްޓެއްސެއްގެ ގޭގައި ކަސްރަތު ކުރަން އުޅެނިކޮށް ނޭވާލާން އުދަނގޫވުމުން ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ އެމްބިއުލާންސަށް ގުޅި ކަމަށާއި އަދި ކުޑަ އިރުކޮޅެއްގެ ތެރޭގައި އެމްބިއުލާންސް ފޮނުވާނެ ކަމަށް ބުނި ކަމަށެވެ. ނަމަވެސް އެމްބިއުލާންސް ނައިސް ލަސްވާތީ ޕްރައިވެޓް ކާރަކަށް އަރުވައިގެން ދިޔަ މަގުމަތީގައި އޭނާ ހާޓް އެޓޭކެއް ޖެހިގެން މަރުވީ ކަމަށްވެސް ޑޮކްޓަރުންނާއި ހަވާލާދީ އޭނާ ބުންޏެވެ. އަދި އޭނާ އަށް ހާޓްއެޓޭކެއް ޖެހުނު ކަން އެނގުނީ ހޮސްޕިޓަލަށް ގެންދިޔަ ފަހުން ކަމަށްވެސް އޭނާ ބުންޏެވެ.
"އެންމެ ފުރަތަމވެސް ގުޅާލުމުން އެމްބިއުލާންސް ހަލާކުވެފައި އޮތް ވާހަކަ ނުބުނޭ. އެވާހަކަ ބުނި ނަމަ އެމްބިއުލާންސް އަންނަން ދެން މަޑު ނުކޮށް އެހެން އިންތިޒާމެއްވެސް ހަމަޖެއްސިދާނެ ދެއްތޯ؟ އެމްބިއުލާންސަށް މިގުޅީ އޭގަ އޮކްސިޖަން އާއި ހުރިހާ އެއްޗެއް ހުންނާނެތީ. އެކަމަކު އެނައިސް އެތަށް އިރެއްވި. ދެން އެންމެ ފަހުން އަޅުގަނޑުމެން ހޮސްޕިޓަލަށ ްދިޔައީ ޕްރައިވެޓް ކާރެއްގަ. ހޮސްޕިޓަލަށް ދިޔަފަހުން މިއެނގުނީ އެމްބިއުލާންސް ހަލާކުވެފަ އޮތް ކަންވެސް." އެމީހާ ބުންޏެވެ.
ވީނިއުސްއަށް މިއަދު މައުލޫމާތު ދެއްވަމުން ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވީ ރޭ ހިނގަި ދިޔައީ ވަރަށް ހިތާމަވެރި ހާދިސާއެއް ކަމަށެވެ. އަދި ވިދާޅުވީ ހާޓްއެޓޭކް ޖެހުނު މީހާއަކީ ކުރިންވެސް އެފަދަ ބައްޔަކަށް ބޭސް ކުރަމުން އައި މީހެއް ކަމަށާއި އޭނާ ހޮސްޕިޓަލަށް ގެނައި އިރުވެސް މަރުވެފައިވާ ކަމަށެވެ.
އޮފިޝަލް ވިދާޅުވީ މަރުވި މީހާ ހޮސްޕިޓަލަށް ގެނައުން ލަސްވީ ހޮސްޕިޓަލުގައި ބޭނުންކުރާ ތިން އެމްބިއުލާންސްވެސް ހަލާކުވެފައި އޮތުމުން ކަމަށެވެ. މަރުވި މީހާގެ އެހީތެރިންނަށް އެމްބިއުލާންސް ހަލާކުވެފައިވާ ކަން ނޭންގީ ކީއްވެތޯ ސުވާލު ކުރުމުން އޭނާ ވިދާޅުވީ އެފަދަ ކަމެއް ހިނގާފައިވާ ކަން އެނގިފައި ނުވާ ކަމަށާއި ނަމަވެސް އެފަދަ ކަމެއް ހިނގާފައިވޭތޯ ބަލާ ފިޔަވަޅު އަޅާނެ ކަމަށެވެ.
އޮފިޝަލް ވިދާޅުވީ މިމައްސަލަ ބަލައި ހޮސްޕިޓަލުގެ ފަރާތުން ކުރިއަށް އޮތް ތާނގައި ރަނގަޅު ކުރަންޖެހޭ ހުރިހާ ކަމެއް ރަނގަޅު ކުރުމަށ ްމަސައްކަތް ކުރާނެ ކަމަށެވެ. އަދި މިފަދަ ހިތާމަވެރި ހާދިސާއެއް ތަކުރާރު ނުވޭތޯ މަސައްކަތް ކުރާނެ ކަމަށެވެ.
އައްޑޫ ސިޓީގައި ހާތްއެޓޭކެއް ޖެހިގެން މީހަކު މަރުވެފައިވާއިރު ހދ. ނޮޅިވަރަންފަރުގައި ފުޓް ބޯޅަ ކުޅެން ހުއްޓާ ހާލު ސީރިއަސްވި ޒުވާނަކުވެސް ވަނީ ފަރުވާދެމުންދަނިކޮށް ރޭގެ ވަގުތެއްގައި މަރުވެފަ އެވެ.
އޭނާ މަރުވީ ފުޓުބޯޅަ ކުޅެން ހުއްޓައި ހަށިގަނޑު އައްސިވާން ފެށުމުން ނޮޅިވަރަންފަރު ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހުި އިތުރު ފަރުވާ އަށް އެއަތޮޅު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ. ނަމަވެސް އޭނާ މަރުވި ސަބަބު އަދި ވަނީ ސާފްވާ ގޮތެއް ނުވެފަ އެވެ.