ރައްޔިތުންނަކީ މޮޔައިންކަމުގައި ބަލައި ރައްޔިތުން ވާވެއްދުމުގެ ވިސްނުމެއް ގެންގުޅޭ ސަރުކާރެއްނަމަ ހަގީގަތަށް އެއްވެސް ވާހަކައެއް ނުދައްކާނެއެވެ. ވޯލްޑްކަޕް ތަށީގެ ވާހަކަ ދެއްކިޔަސް އަދި ދަރިވަރުން ނެރޭ ނަތީޖާގެ ވާހަކަ ދެއްކިޔަސް އޮޅުވައިނުލައި އެވާހަކައެއް ނުދެއްކޭނެއެވެ. ހައްތާވެސް އޮންނާނީ ދޮގުހެދުމާއި އޮޅުވައިލުމެވެ. މިގޮތް އެންމެ ބޮޑަށް ފައުޅުވަމުންދަނީ ދިވެހިރާއްޖެއިންނެވެ.

ދިވެހިރާއްޖެއިން އޯލެވެލް އިމްތިހާނުގައި ފާއިތުވި އަހަރު ބައިވެރިވި ދަރިވަރުން ނެރުނު ނަތީޖާއަކީ ސަރުކާރުގެ ހިކުމަތު އަމަލީގެ ނަތީޖާއޭ ކިޔައިގެން އެޑިއުކޭޝަން މިނިސްޓްރީން އެދައްކަނީވެސް މިފަދަ ވާހަކައެކެވެ. އަދި އެޑިއުކޭޝަން މިނިސްްޓްރީން ގަޑުބަޑުކޮށްފައިވާ ތަފާސް ހިސާބުތަކުން މިސާލު ދައްކައި ހައްގު ނޫން ތައުރީފާއި ޝުކުރު ލިބިގަތުމަށް ސަރުކާރުގެ އެކިފަންތިތަކުގެ ވެރީން އެހެރަގެން ދައްކަވަނީވެސް މިފަދަ ވާހަކަތަކެވެ.

އޯލެވެލްގައި 77 އިންސައްތަ ދަރިވަރުން ފަސް މާއްދާއިން ފާސްވި ކަމަށް ބުނާއިރު އެ އިމްތިހާނުގައި ދަރިވަރުން ބައިވެރިކޮށްފައިވާ ގޮތް ސާފުކޮށްދިނުމެއް ނެތެވެ. އެއީ ސިއްރެކެވެ. ސްކޫލްތަކުގެ ނަތީޖާ މަތިކޮށް ދެއްކުމަށްޓަކައި އެޑިއުކޭޝަނުން ކަންތައްތަކެއް ކުރާކަމީ ގިނަބަޔަކު ދަންނަ ހަގީގަތެކެވެ. މިކަމުގެ ބޭނުމަކީ މެޑެލްޖަހައި ހައްގު ނޫން ކްރެޑިޓް ލިބިގަނެ މިކަންވެސް ސިޔާސީ ކުރުމެވެ. ދަރިވަރުންގެ ބުރަ މަސައްކަތާއި މައިންބަފައިންގެ ބޮޑެތި ހޭދަޔާއި ގުރުބާނީން ސިޔާސީ އަމިއްލަ މަންފާއެއް ލިބިގަތުމެވެ.

ދަރިވަރުންގެ ނަތީޖާ މަތިވެގެން މޮޅުވެގެން އެކަމުގެ ކްރެޑިޓް ސަރުކާރުން ނަގަންވާނީ ނަތީޖާ މަތިކުރަން އެކަށޭނަ މަސައްކަތްތަކެއް ކުރެވިފައިވާނަމައެވެ. އެކަހަލަ ކަންތައްތަކެއް މިސަރުކާރުން ކޮށްފައިވޭބާވައެވެ. ނެތެވެ. ނުފެނެއެވެ. ސްކޫލްތަކުގެ މާހައުލުން ހައްތާވެސް ފެންނަނީ އުދާސްތަކެވެ. އެކަމަކު އިމްތިހާނެއް ބާއްވާފައި ނަތީޖާ އިއުލާންކުރުމަށްފަހު ދެން ހީވާނީ އެހެންކަމެއްހެންނެވެ. އަޖައިބުހީވެއެވެ. މިސަރުކާރުން ތައުލީމީ ދާއިރާއަށް ކަމެއް ކޮށްދީފައިވާނަމަ ފެންނަނީ ޖެއްސުމެކެވެ. ތުރާލެކެވެ. ސަރުކާރުގެ ސްކޮލަރޝިޕް ލިބޭ ކްރައިޓީރިއާ މަތިކޮށް ގިނަކުދިން އެފުރުސަތުން މަހުރޫމުކޮށްލުމަކީ މިކަމުގެ ހެއްކެކެވެ.

މިހާރު އެންމެ ގަދަޔަށް ދައްކާ އެއްވާހަކަޔަކީ ޓެބްލެޓްގެ ވާހަކައެވެ. މިވެސް ބޮޑުވެގެންވާ އޮޅުވައިލުމެކެވެ. ދަރިވަރުންނަށް ޓެބްލެޓް ދިނުމުގެ ޚިޔާލަކީ މިސަރުކާރުގެ ޚިޔާލެއް ނޫނެވެ. ރައީސް ނޫނީ އެޑިއުކޭޝަން މިނިސްޓަރުގެ ސިކުނޑިން ނެރުނު ޚިޔާލެއްވެސް ނޫނެވެ. އެއީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އޮނަރަބްލް ގާސިމް އިބްރާހީމްގެ ޚިޔާލުފުޅެކެވެ. އެމަނިކުފާނުގެ ވައުދެކެވެ. ފަހުން ޖުމްހޫރީ ޕާޓީގެ އެހީގައި ގުޅިފައިވާ ކޯލިޝަނަކުން އިންތިޚާބުގެ ފަހު ބުރަށް ރައީސް ޔާމީން ނުކުމެވަޑައިގެންނެވިއިރު އެވައުދު ތަކުރާރު ކުރެއްވިއްޔާ ކުރެއްވީއެވެ.

އޮނަރަބަލް ގާސިމް އިބްރާހީމްގެ ކެމްޕޭނުގެ ތެރޭގައި ރަށަކަށް އަރައިވަޑައިގެންފީވިއްޔާ އެރަށެއްގެ މަކުތަބު މަދަރަސާތަކަށް ވަޑައިގެން އެތަންތާގެ ހާލަތު އެންމެ ކައިރިން ބެއްލެވިއެވެ. އެމަނިކުފާނުގެ މެނިފެސްޓޯގައި އެންމެ ބޮޑު އިސްކަމެއް ދެއްވީ ތައުލީމަށެވެ. މިކަހަލަ ކަމެއްވެސް ރައީސް ޔާމީނު ނުކުރައްވައެވެ. އޮނަރަބަލް ގާސިމް އިބްރާހީމްގެ ވެރިކަމެއްގައި އެންމެ ފުރަތަމަ އަހަރު ކުރައްވާން ވައުދުވެވަޑައިގެންނެވި ކަންކަމުގެ ތެރޭގައި ދަރިވަރުންނަށް ޓެބްލެޓް ދިނުން ހިމެނެއެވެ. ކްލާސްތަކުގައި އިންޓަރނެޓް ބޭނުން ކުރަން އެދުނު ސްކޫލްތަކަށް އެކަމުގެ ސާމާނުވެސް އޮނަރަބަލް ގާސިމް އިބްރާހިމް ހަދިޔާކުރެއްވިއެވެ. އެވެސް މިކަން އަވަސްކުރުމަށް އެމަނިކުފާނު ބޭނުންފުޅުވެވަޑައިގެން ހުންނެވި މިންވަރު ހާމަވާ ކަމެކެވެ. މި ވައުދު ކޮޕީ ކުރައްވައިގެންވެސް ރައީސް ޔާމީނަށް ޓެބްލެޓަކާއި ހަމަޔަށް ވަޑައިގެންނެވޭނެ ކަމަށް މިފެންނަނީ އެމަނިކުފާނުގެ ރިޔާސީ ދައުރުގެ އެންމެ ފަހު އަހަރުގައެވެ. އެކަމަކުވެސް ޓެބްލެޓް ޓެބްލެޓެވެ. ދެން އަޑުއިވުނުހައި ބަޔަކު އެވީ ބާރަށް އަތްޖަހާށެވެ.

ދަރިވަރުން މޮޅު ނަތީޖާތަކެއް ނެރޭނަމަ ތައުރީފު ހައްގުވަނީ ދަރިވަރުންނާއި ބެލެނިވެރިންނަށެވެ. އޯލެވެލް އަހަރު ކޮންމެ ދަރިވަރެއްގެ ޓިއުޝަނަށް މައިންބަފައިން ދަރަނިވެރިވެގެންވެސް ޚަރަދުކުރާ އަދަދު މިސަރުކާރަށް މޭރުންވޭބާވައެވެ. އެކަށީގެންވާ ނަތީޖާއަކަށް އުއްމީދުކުރާ ބެލެނިވެރިން މަހެއްގެ މައްޗަށް ވިހިހާހުން ތިރީސްހާހުން ޚަރަދުކުރެއެވެ. އެވަރުގެ ގުރުބާނީއެއްވެގެން ބޮޑުވެގެންވާ ދަރަންޏެއް ބޮލުގައި އަޅައިގެން ދުނިޔޭގެ ފެންވަރުގައި ދަރިވަރު ލިސްޓުވީމާ މިކަމުގެ ރީތިނަންވެސް ދޭންމިވީ ސަރުކާރަށެވެ. އެއީ ސަރުކާރުގެ މޮޅު ސިޔާސަތުގެ ނަތީޖާޔޯލައެވެ. އޮޅުވައިލާންވެސް މިއީ ދެން ބޮޑުވަރެކެވެ.