ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދަކީ ގަޓުހުރި ފަނޑިޔާރެކެވެ. އެކަން އެމަނިކުފާނު ދައްކަވައިފިއެވެ. ރައްޔިތުންވެސް ބަލައިގެންފިއެވެ. މަނިކުފާނަށް އައްސަރިބަހާއި ސާބަހެވެ. މަނިކުފާނުގެ ނަންފުޅު ތާރީޚުގައި ލިޔާނީ މަނިކުފާނުގެ ކާބަފައިންގެ ތެރެއިން ތިޔަ އިއްޒަތްތެރި މަގާމު ފުރުއްވާފައިވާ މަޝްހޫރު ބޮޑެތި އާލިމުންގެ ނަންފުޅުވެސް ލިޔެވޭ ލިސްޓުގައެވެ. ތާރީޚެއް ދުނިޔެއެއް އާޚިރަތެއް ނުދަންނަ އާފިލުވެފައިވާ މަދުބަޔަކު އަދި ކޮންމެ ވާހަކައެއް ދައްކައި ކޮންމެ ގޮތަކަށް އަމަލުކުރިކަމަށްވިޔަސް މިހަގީގަތް ދެމިގެންދާނެއެވެ.

ގާނޫނާއި ސަރިޔަތުގެ މަގުން މަނިކުފާނު ހައްގު ނިޔާ އިއްވަވައިފިއެވެ. އެނިޔާއަށް ގޮންޖަހައި ގުންފައިޖަހަމުން ފުރާޅު ވައްޓަމުން ދޮރުވައްޓަމުން ފަނޑިޔާރުގެއަށް ވަދެ ކަންކަންކުރަން އުޅުނު މީހުންގެ މައްޗަށްވެސް ނިޔާއެއް އިއްވަވައިފިއެވެ. ތަންފީޒުވުމާއި ނުވުން އެއީ އަދި އެހެންކަމެކެވެ. މަނިކުފާނާއި މަތިކުރެވިފައިވާ ޒިންމާ ބަރާބަރަށް އަދާކުރެވުނީއެވެ.

އަނިޔާވެރި ޖައްބާރު ވެރިންގެ ކުރިމަތީގައި ހައްގު ތެދުބަސް ވިދާޅުވުމާއި އިންސާފުން ނިޔާއިއްވުމަކީ މަނިކުފާނުގެ ކާބަފައިން ދައްކަވާފައިވާ ރީތި މިސާލެކެވެ. އަޅުގަޑާއި އެއްވަރަށް ނުވަތަ އެއަށްވުރެވެސް ބޮޑަށް މަނިކުފާނު އެކަންކަން ދެނެވަޑައިގަންނަވައެވެ. އެހެންވީމާ ދޫނިދޫ ކުޑަގޮޅި ކީއްކުރަން ނަމްރޫދުގެ އަލިފާންގަޑު ކަހަލަ އަލިފާންގަޑަކަށް ލިޔަސް މަނިކުފާނުގެ ހިތްވަރާއި އަޒުމަށް އަދި ހިތުގެ ސާބިތުކަމަށް ކުޑަވެސް ބަދަލެއް ނާންނާނެކަން އަޅުގަޑަށް ކަށަވަރެވެ. ތިޔައީ މީދޫގެ ލޮބުވެތި ދަރިއެކެވެ. ފަޚުރުވެރި ޚާންދާނެއްގެ ފަޚުރުވެރި ދަރިއެކެވެ. މިގައުމު ދެމިއޮތްހައި ދުވަހަކު އެކަން ދެމިއޮންނާނެއެވެ.