ޝައިޚުންނަށް ނުވާ މީސްމީހުން ދީނުގެ ހުކުމްތަކާއިމެދު ވާހަކަ ދައްކަމުން ތާރީޚު ނުދަންނަ މީހުން ތާރީޚުން މިސާލު ދައްކަމުން އުޅޭ ދުވަސްވަރެއްވީމާ އަހަރެންވެސް އެގިންތީގައި ހިމެނިގެން މިލިޔުން ފަށާނީ ތާރީޚުގެ ވާހަކަޔަކުންނެވެ.

މަދީނާގެ ކައިރީގައި އުޅުނު ޔަހޫދީ މާބޮޑު ސާދާގަރެއްގެ ވާހަކައެވެ. މުހައްމަދުގެފާނު ރަސޫލުކަމާއިގެން ފޮނުއްވުނީމާ އެއީ ސައްހަ ބޭކަލެއްތޯ ބެލުމަށް ފޮތްފޮތަށް އަހުލުވެރިވެފައިވާ ޔަހޫދީ ދަންނަބޭކަލުންގެ ޖަމާއަތެއްގެ ބަޔަކު އެއްކޮށްގެން އެމީހުންނާ މިސާދާގަރު މަޝްވަރާކޮށްފިއެވެ. ފޮތްތައް ބަލަބަލައިފައި ނިތްކުރިން ދާފޮހެފޮހެފައި އެންމެންވެސް ބުނީ ފޮތްތަކުން ޔަގީން ކުރެވެނީ އެއީ ހަގީގީ ރަސޫލެއް ކަމުގައެވެ.

މިކަމާ ވަރަށް ހިތާނުވެގެން ތިމަންނާގެ އަތުގައި ކަލޭމެންނަށް ދޭނޭ އެއްޗެއްވެސް މިހާރު ހުރީއެއް ނޫނޭ އެހެންވީމާ ހަދިޔާއެއް ދެވޭކަށްވެސް ނެތޭ ބުނެ އެންމެން ފޮނުވާލައިފިއެވެ. މިކަމާ އިލްމުވެރިން ވަރަށް ހިތާމަކޮށް ސައްލާކޮށްފައި އެނބުރި ސާދާގަރުގެ ގެޔަށްގޮސް ބުނެފިއެވެ. އަޅުގަޑުމެން ބަލަންވީވަރަށް ނުބަލައި މާއަވަސް އަރުވާލައިގެން އުޅުނީމާ ލިބުނު ކެއްސެވެ. ފޮތްފޮތުން ޔަގީންވަނީ އަޅުގަޑުމެން އިހަށް ބުނިގޮތާއި ދެކޮޅެވެ. މިއަޑު އަހައިފައި ސާދާގަރު ބުންޏެވެ. ބަލަ ކަލޭމެންނަށްވުރެވެސް އަހަރެންގެ އިލްމުވެރިކަން މާބޮޑެވެ. އެހެންވީމާ ދެންވެސް ވިސްނައިގެން އުޅޭށެވެ. މިހެން ކިޔައިފައި ކުރީންދީ އުޅުނު ތަކެއްޗަށްވުރެ މާގިނަ ތަކެތިދީފައި އެވެރިންގެ ހިތްތައް އުފާކޮށްދީފައި ފޮނުވާލައިފިއެވެ.

މިވައްތަރުގެ އިލްމުވެރީން މިޒަމާނުގެ ދިވެހީންގެ ތެރޭގައިވެސް ވަރަށް ގިނަކަމަށް އެބަ ފާހަގަކުރެވެއެވެ. ކަޅާއި ހުދުން ގާނޫނުއަސާސީގައި ވަކިކަންތައްތަކެއް ނުކުރެވޭނެޔޭ ހުއްދައެއް ނޫނޭ ބަޔާންކުރެވިފައި އޮތަސް ހަދިޔާދޭން ހުންނަމީހާ ހަދަނީ ހަދާނެ އެއްޗެކެވެ. ދެން މިހަދިޔާތަކަށް ބަރޯސާކުރާ މީހުން ކުރެން މިގޮތް އެންމެ ރަގަޅުހޭ އެހީމާ އެވެރީންވެސް ފުރަތަމަ ބުނަނީ ޔަހޫދީ އިލްމުވެރިންވެސް ބުނިގޮތަށް ފޮތަށް ބަލައިފައެވެ. އެކަމާ ނުރުހިގެން ގެއިން ފައްސައިލީމާ ދެރަވެގެން ދެންގޮސް ބުނާކަމަށް ފެންނަނީ މާފު ކުރައްވާށެވެ. އޮޅުނީ އަޅުގަޑުމެންނަށެވެ. ތިޔަ ހެއްދެވީ ހަމަ ފޮތުގައި އޮތްގޮތަށެވެ. މިއަޑު އަހައިފައި އަތްތިލަބަޑި ތަޅައިގެންފައި ބަލަ މި އިލްމަށް ކަލޭމެންނަށްވުރެވެސް ބޮޑީ އަހަރެންނޭ ބުނެފައި ކުރިއަށްވުރެ މާގިނައިން އިނާމުދީފައި ފޮނުވައިލަނީއެވެ.

މިކަން ފެންނަނީ ގާނޫނުގެ އިލްމު އުނގެނިގެން ތިބި ބައެއް މީހުންގެ ފަރާތުން އެކަންޏެއް ނޫނެވެ. އާޚިރަތަށް މަގުދައްކާން ތިބި ބައެއް އިލްމުވެރީންގެ ފަރާތުންވެސް މިސިފަ އެބަފެނެއެވެ. ދުސްތޫރެއްލިޔެ އެޔާއެއްގޮތަށް އަމަލުކުރާން ލާޒިމުވިޔަސް އެދުސްތޫރު ފުނޑައިލީމާ މިޒާތުގެ މީހުން އެދައްކަނީ ހާކިމާގެ ވާހަކައެވެ. ހާކިމާއަށް އޮންނާންޖެހޭ ބާރުތަކާއި ރައްޔިތުން ހާކިމާއަށް ބޯލަނބާންޖެހޭ ވާހަކައެވެ. ޚުލަފާއުއްރާޝިދޫންގެ ވާހަކައެވެ.

ފޮތްފޮތުން އުނގެނިގެން ތިބިކަމަށް ބުނާ ބައެއް މީހުންގެ ހިތާއި ސިކުނޑިން އިލްމުވެރިކަން ފޮހެލައި ދުނިޔޭގެ ދަޅަތަކަށް ދީލާލައި މިޒާތަށް އުޅޭން ދިމާކުރީމާ ދުނިޔެއާއި އާޚިރަތުގެ ކަންކަމުގައި އެފަދަ މީހުންގެ ބަހަށް ބަރޯސާކުރާ ނިކަމެތި ދެރަވަރު މީހާގެ ހާލު ހުންނާނީ ފަހެ ކޮންފަދަޔަކަށް ހެއްޔެވެ. ޚަޒާނާގެ ތަޅުދަޑި އޮންނަ މީހާއަކީ އެންމެ ބޮޑު އިލްމުވެރިޔާ ނޫންކަމަށް ނުބެލޭނެއެވެ. ގާނޫނުއަސާސީއަކީވެސް އެއީއެވެ. ދައުލަތަކީވެސް އެއީއެވެ. ހުރިހާ އެއްޗަކީވެސް އެއީއެވެ. ދެން އިލްހާމުން ކަންކަން އެބައެނގެޔޭ ބުނީމާ ބާރަށް އަތްޖެހުން ނޫންކަމެއް އެފަދަ މީހުންނަށް ކުރެވޭނެ ބާވައެވެ. ނުކުރެވޭނެއެވެ.

ގާނޫނުއަސާސީ ކަމަކުނުދެޔޭ އެވީދާލައިފީމޭ ބުނީމާވެސް ޖަހާނީ އަތެވެ. މިއީ މަގޭ ބަހޭ ހާކިމާގެ ބަހޭ ދުނިޔޭގެ އެންމެންވެސް މިމަންޒަރު ބަލައިފައި މަށަށް އެކުރަނީ ތާރީފޭ ބުނީމާ ސާބަހޭ ސާބަހޭ ކިޔަފައި ބާރަށް ޖަހާނީ އަތެވެ. ނަސްރޭ ކިޔަނީ މިޒާތުގެ ކަންކަމަށޭ ބުނީމާ އަދިއެއަށްވުރެވެސް ބާރަށް އަތްޖަހާނެއެވެ.