މ.މާފަންނުވިލާ އިބްރާހިމް ސިޔާދު ގާސިމް ހައްޔަރުކުރެވިފައިވަނީ ކޮން ކުށެއްގެ ތުހުމަތުގައިކަން ރަސްމީ އިދާރާތަކަށް އަދިވެސް ބުނެއެއް ނުދެވެއެވެ. ހަފުތާއެއް ފާއިތުވެގެންދާއިރުވެސް ކުރަނީ ކޮން ތަހުގީގެއްކަން ހޯދާން އުޅެނީ ކޮން އެއްޗެއްކަން އަދި ހޯދުނީ ކޮން އެއްޗެއްކަން ބުނެއެއް ނުދެވެއެވެ. އެނގޭ މިންވަރަކީ ކުޑަގޮޅީގައި އޮންނެވިކަމާއި ކުއްލި ނުރައްކަލުގެ ހާލަތުގައި ސަލާމަތީ ބާރުތަކަށް ލިބޭ އިޚުތިޔާރުގެ ދަށުން އިބްރާހިމް ސިޔާދުގެ މަދަނީ ހައްގުތައް ނިގުޅައިގެންފައިވާކަމެވެ.

އިބްރާހިމް ސިޔާދަކީ ތައުލީމީ ގާބިލް ޒުވާނެކެވެ. ގާނޫނުތަކަށް ބަރާބަރަށް ކިޔަމަންވެވަޑައިގަންނަވާ ވަރަށް މަޑުމައިތިރި ބޭފުޅެކެވެ. ދުވަހަކުވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވެވަޑައި ނުގަންނަވައެވެ. އެއްވުމެއްގައި ބައިވެރިވެވަޑައިގެން ވާހަކަފުޅެއް ނުދައްކަވައެވެ. އެއްވެސް ބާވަތެއްގެ ކުށުގެ ރިކޯޑެއް ނެތެވެ. އެކަމަކުވެސް އެހުންނެވީ ޖަލުގައެވެ. ސަބަބަކީ ކޮބައިބާވައެވެ. ސިޔާސީ ބޭފުޅުންނާއި ވަކީލުން ވިދާޅުވާގޮތުން ސަބަބު ވަރަށް ސާފެވެ. އެ ސަބަބަކީ ރައީސް ޔާމީނުގެ ހިތުތެރޭގައި ގާސިމް އިބްރާހީމާއިމެދު އުފެދި އަނދަމުންދާ ހަސަދައިގެ އަލިފާނެވެ. އިބްރާހިމް ސިޔާދަކީ ގާސިމްގެ ދޮށީ ދަރިކަލުންނެވެ.

މީހަކު ދެކެ އަންނަ ރުޅިއެއް އެމީހާގެ އަނބިދަރީންނަށް ބޭލުމަކީ ކޮންކަހަލަ ކަމެއް ބާވައެވެ. އެއީ އެކާވީސްވަނަ ސައްތަ ކީއްކުރަން އެހެން ގަރުނެއްގައިވެސް ގަޓުހުރި މީހަކު ކުރާ ކަންތަކެއް ނޫނެވެ. އަނބިދަރީންނަށް ގޯނާކޮށް ގަޔަށް ބޮލަށް އެރުމަކީ ފިނޑިކަމުގެ ސިފައެކެވެ. އެއީ ގޭންގު ހަދައިގެން ވަލުތެރޭގައި އުޅޭ ވީރައްޕަން ކަހަލަ ސަރުދާރުންވެސް ކުރާ ކަންތަކެއް ނޫނެވެ.

ބަހުގެ ދެކޮޅުގައި ގާނޫނީ ސަރުކާރޭ ކިޔަސް އެސަރުކާރަކުން ހިންގާ ގާނޫނާޚިލާފު ކަންކަން ގިރިޓީއެއް ނުކުރެވޭނެއެވެ. ޖައްބާރުކަމުގެ ސިފަ އިހުސާންތެރިކަމުގެ ސިފަކަމުގައިި ނުދެއްކޭނެއެވެ. އަނިޔާވެރިކަމަކީ އަދުލުވެރިވުންކަމުގައި ނުހެދޭނެއެވެ. މީހުން އެވާހަކަ ދައްކާނެއެވެ. ލިޔާނެއެވެ. އަބުރުގެ ގާނޫނުން ހުއްޖަތު ދައްކައިފައި ކަތުރުގެ ގާނޫނުން ކޮށައިލިޔަސް އެވާހަކަ ނުހުއްޓޭނެއެވެ. ގާނޫނީ ހުކޫމަތަކަށް ކުރެވޭ އުއްމީދު ފުނޑައެއްވެސް ނުލެވޭނެއެވެ. މިއީ އެންމެހައި ދިވެހީންގެ ގައުމެވެ. މިގައުމުގެ މަސްލަހަތު އޮތީ އަދުލުއިންސާފު ގާއިމުވުމާއި ހަމަހަމަކަމުގެ މަތީގައެވެ. ވެރިމީހާ ނުރުހޭ މީސްމީހުންގެ އަނބިދަރީންނާއި ދިމާކުރުމަކީ ގައުމީ މަސްލަހަތެއް ނޫނެވެ. އެއަށް ކިޔަނީ އަނިޔާވެރިކަމެވެ.

ގާސިމް އިބްރާހީމާއިމެދު ރައީސް ޔާމީނުގެ ސަރުކާރުން އަމަލުކުރަމުން އައިސްފައިވާ ގޮތުގެ ވާހަކަޔަކީ ވަރަށް ދިގު ވާހަކައެކެވެ. ހަސަދައިގެ އަލިފާނަކީ ވަރަށް ޒަމާންވީ އަލިފާނެކެވެ. ގާސިމާއި އެމަނިކުފާނުގެ ވިޔަފާރި ނައްތައިލުމަށް ރާވައިގެން ސިއްރާއި ފައުޅުގައި ހިންގަމުންދާ ހަރަކާތްތަކުގެ ސިލްސިލާ ވަރަށް ދިގެވެ. އެހެންކަމުން ގާސިމުގެ މައްޗަށް ކުރެވުނު ތުހުމަތާއި ހިންގުނު ސަރިޔަތާއި ސަރުކާރުގެ ނިޔަތް އެންމެނަށް ވެސް ވަރަށް ސާފެވެ. އެއީ މުވައްސަސާޔަކުން ނެރޭ ބަޔާނަކުން ޖަހައިލާ ތައްގަޑަކުން އަދިކިޔެއްތަ ދޫކޮށްލާ ހަސަދައިގެ ތަގުރީރަކުން ބަދަލުކުރެވޭނެ ހަގީގަތެއް ނޫނެވެ.

ގާސިމް އިބްރާހިމް ޖަލު ހެދުމުގައި ކުޑަގޮޅީގައި އޮންނަވާ މަންޒަރު ދެކެން ރައީސް ޔާމީނު އަބަދުވެސް ބޭނުންވެއެވެ. ސަރުކާރުން އިންތިހާދަރަޖައަށް އުނދުޅި ބާނައިގެން ގާސިމްގެ މައްޗަށް ޖަލު ހުކުމެއް އިއްވައިފިއެވެ. އެކަމަކު ޖަލު ހެދުމުގައި ގާސިމް ހުންނަވާ މަންޒަރު ފެންނަ ފޮޓޯއެއް ނުނެގުނެވެ. އަދި އެކަމެއް ނުވެއެވެ. ރައީސް ޔާމީނުގެ އޮފީހުގައި އެމަނިކުފާނުގެ ކުރިމަތީގައި މިކަހަލަ ފޮޓޯއެއް ބަހައްޓަައިގެން ހިތަށް ފިނިކަމެއް އަދި ނުހޯދެއެވެ.

މިކަންކަން ނުކުރެވުމަކީ ގާސިމްގެ އަނބިދަރީންގެ ގަޔަށް ބޮލަށް އަރައި ހިތަށް އެރިހާ ކަމެއް ކުރުމަށް އޮތް ހުއްޖަތެއް ނޫނެވެ. ގާސިމަށްޓަކައި ރައީސް ޔާމީނު ތައްޔާރުކުރުވި ކުޑަގޮޅިޔަށް ގާސިމްގެ ދަރިކަލުން ކޮއްޕައިލުމަށް އޮތް ސަބަބެއްވެސް ނޫނެވެ. ހަނދުމަފުޅު ބަހައްޓަވާށެވެ. މުހައްމަދު އަމީނުގެ އަރިހުގައި ޝައިޚު ޖަމީލުދީދީ ދެންނެވި ފަދައިން އަނިޔާވެރިޔާގެ އަނިޔާތައް ދެކެން ތަގުދީރު އެހުންނަނީ ހީލަހީލައެވެ. އެތަގުދީރު އައިސް ހިފާދުވަހަކުން ދެން ދެއްކޭނެ ބާރެއް ކުރެވޭނެ ކަމެއް ނޯވެއެވެ.