ވެރިމީހާއަށް ތާރީފުކުރަން ލިބޭ ހަމަކޮންމެ ދަނޑިވަޅެއްގައި މިއިންނެވީ މިގައުމުގެ ސަލާހުއްދީނުލް އައްޔޫބީއޭ ނުވަތަ މިގައުމުގެ މަހާތުމާ ގާނދީއޭ ބުނެ އަޑުގެ ކޮޅަށް ހަޅޭލާ ދިވެހިން މިހާރު އެބަފެނެއެވެ. ހިތަށް އަރައެވެ. އެހެން އެބުނާ މީހާއަށް ސަލާހުއްދީނުލް އައްޔޫބީ އެނގޭ ބާވައެވެ. މަހާތުމާ ގާނދީ އެނގޭ ބާވައެވެ. އެނގޭކަމާމެދު ވަރަށް ޝައްކެވެ. މިއީ އެނގޭ މީހުން ދެއްކުން އެކަށީގެންވާ ވާހަކަތަކެއް ނޫނެވެ. މިއީ ޚުޝާމަދުކުރުމުގައި އަޚުލާގީ އިންތައް ފަހަނަޅައިދިއުމުގެ ވާހަކަތަކެވެ.

މިހާރު އެހުންނެވި ވެރިމީހާއަކީ ސަލާހުއްދީނުލް އައްޔޫބީއޭ ބުނާ މީހުން މީގެ ކުރީގައިވެސް އެދަރަޖައަށް އެހެން މީހުން ގެނެސްފައިވެއެވެ. މައުމޫނަކީވެސް ސަލާހުއްދީނުލް އައްޔޫބީއޭ ބުނީ އެ ދޫތަކުންނެވެ. އަދިކިޔެއްތަ ޑރ ވަހީދަކީވެސް ސަލާހުއްދީނުލް އައްޔޫބީއޭ ބުންޏެވެ. އެހެންވީމާ ސަލާހުއްދީނޭ އެކިޔަނީ އެއީ ކޮންކަމެއްކުރި ކޮންދުވަސްވަރެއްގެ ކާކުކަން އެނގި ތިބެގެންކަމާމެދު ޝައްކެވެ. ރާއްޖޭގެ އިހުގެ ރަސްރަސްކަލުންނަށް ކަލަމިންޖާއޭ ކިޔައި އުޅުނުގޮތަށް އެއީ ވެރިމީހާޔަށް ކިޔާން މޮޅު ލަގަބެއްކަމަށް ހީކުރަނީ ތޯއްޗެކެވެ. ނޫނީ އިސްލާމީ ތާރީޚުން ދަސްވެފައިވާ ހަމައެކަނި ފާތިހަކީ ސަލާހުއްދީނު ކަމަށްވުންވެސް އެކަށީގެންވެއެވެ.

ސަލާހުއްދީނުލް އައްޔޫބީއަކީ އަރަތްބެއް ނޫނެވެ. ކުރުދީއެކެވެ. ދުނިޔޭގައި އުޅުއްވީ މީގެ ނުވަސަތޭކަ ވަރަކަށް އަހަރު ކުރީންނެވެ. ގިނަބަޔަކު ސަލާހުއްދީނު ދަންނަނީ ފަލަސްތީނުގެ އަލްގުދުސް ނަސާރާއިންގެ އަތްދަށުން ސަލާމަތްކުރެއްވި ފާތިހެއްގެ ގޮތުގައެވެ. އޭނާގެ ވެރިކަމުގެ ދަށުގައި ފަތަހަކުރެއްވީ ގުދުސް އެކަންޏެއް ނޫނެވެ. އެފަދަ ކިތަންމެ ތަނެކެވެ. ސަލާހުއްދީނަކީ އެޒަމާނަށް ނިސްބަތްކުރާއިރު ވަރަށް ކުޅަދާނަ ވިސްނުންތެރި ރޭވުންތެރިޔެކެވެ.

އެދުވަސްވަރަކީ އިސްލާމީދުނިޔެ ވަރަށް ބޮޑަށް ގަޑުބަޑުވެފައި އޮތް ދުވަސްވަރެކެވެ. ސަލާހުއްދީނުލް އައްޔޫބީގެ ބާރު އޮތީ އިސްލާމީ ދުނިޔޭގެ ހުޅަގުބިތުގައެވެ. އެއްވެސް އިރެއްގައި ސަލާހުއްދީނު އަމިއްލަފުޅު ރަސްކަމެއް ނުކުރައްވައެވެ. ހިންގެވި ވެރިކަމެއް ހިންގެވީ އެންމެކުރީން ފާތިމީ ދައުލަތުގެ ކޮންމެވެސް ޚަލީފާއެއްގެ ނަންފުޅުގައެވެ. ފަހުން ބައުދާދުގައި ހުންނަވާ އައްބާސީ ޚަލީފާއެއްގެ ނަންފުޅުގައެވެ.

ޝާމުކަރައިގެ ދިމިޝްގުގައި ސަލާހުއްދީނުލް އައްޔޫބީ އަވަހާރަވިއިރު އަމިއްލަފުޅު މިލްކިއްޔާތުގައި އެއްވެސް ފައިސާއެއް މުދަލެއް ނެތެވެ. ޖަނާޒާގެ ކަންތައްވެސް ހިންގޭނެފަދައެއް ނެތެވެ. ހުރިހާ މުދަލަކާއި ފައިސާއެއް ހޭދަކުރައްވައި ހުސްކުރެއްވީ ފަގީރުންނަށްޓަކައެވެ. އެއީ ހަނގުރާމައިގެ މައިދާނުގައި ހިތްވަރުގަދަކަމުގެ ސިންގާއެކެވެ. ރައްޔިތުންނަށްޓަކައި އަދުލުވެރިކަމުގެ ނަމޫނާއެކެވެ. ފަގީރުންނަށްޓަކައި ދީލަތިކަމުގެ އިންތިހާއެވެ. އެހެންވީއިރު މިފަދަ އެއްވެސް ސިފައެއް ލިބިގެންނުވާ މީހަކު ސަލާހުއްދީނުލް އައްޔޫބީއާ އެއްފަދަ ކުރެވޭނެ ބާވައެވެ. ނުކުރެވޭނެއެވެ.

ސަލާހުއްދީނުލް އައްޔޫބީއާ އެއްވަރު ކުރުމަކީ ނުވަތަ އެޝަޚުސިއްޔަތުން މިސާލުދައްކައި މީސްމީހުންނަށް ތާރީފުކުރުމަކީ އިސްލާމީ ތާރީޚަށް ކުރެވޭ މަލާމާތެކެވެ. އިސްލާމުންގެ ފުރަތަމަ ގިބްލަ ކަމުގައިވާ އަލްއަގްސާ އަލުން އިސްލާމުންނަށް ހޯއްދަވައިދެއްވި ފާތިހަށް ކުރެވޭ ބޭއިންސާފެކެވެ. ރައްދުކުރެވޭ ދެރައެކެވެ. ތިމާމެންގެ އަމިއްލަ ދުލުން މިވަރުގެ ބަސްބަސްބޭރުކުރެވޭއިރު އެކަން އަމިއްލަޔަށް މޭރުންނުވެ ދަތްޕިލަ ދައްކައިގެން ހިނިއައިސްފައި އެތިބެނީ ކީއްވެގެންބާވައެވެ. ހުޅުވިފައިވާ ޚުޝާމަދުކުރުމުގެ ބާޒާރުގައި ހަދިޔާބަދިޔާގެ އެދުމުގައެވެ.

ދެންއޮތީ މަހާތުމާ ގާނދީގެ ވާހަކައެވެ. ގާނދީއަކީ ކޮންކަމެއްކުރެއްވި ބޭފުޅެއް ބާވައެވެ. އެއީ އިނގިރޭސީންގެ އަތްދަށުން އިންޑިޔާއަށް މިނިވަންކަން ހޯއްދަވައިދެއްވި ބަތޮލެވެ. އިންޑިޔާގެ މިނިވަންކަމުގެ ބާނީއެވެ. މިކަން ގާނދީ ކުރެއްވީ ކަނޑިޔާއި ބަޑިޔާއި ބޮމަކުން ނޫނެވެ. މުލައްދަޑީގެ ބާރު ބޭނުން ކުރައްވައިގެންނެއް ނޫނެވެ. ސުލްހަވެރި ގޮތްގޮތުންނެވެ. ބާރުގެ ބޭނުންކުރުމާއި މުލައްދަނޑީގެ ބޭނުން ކުރުމަކީ ގާނދީ އެންމެ ބޮޑަށް ދެކޮޅުހެއްދެވި އަދި ރައްޔިތުންނަށް މަނާކުރެއްވި ކަންތަކެވެ.

މިއިންނެވީ ސަލާހުއްދީނުލް އައްޔޫބީއޭ ބުނެފައި ދެންހަމަ އެނޭވާގައި މިއިންނެވީ މަހާތުމާ ގާނދީއޭ ބުނީމާ އެބުނެވެނީ ކޮން ވާހަކައެއް ބާވައެވެ. އެކަކީ ކަނޑީގެ ރަމްޒެކެވެ. އަނެކަކީ އޭގެ އިދިކޮޅެވެ. އެހެންވީމާ އެބުނާ އެއްޗެއް އެހެން މީހަކަށް މޭރުންނުވާތާގައި އެމީހަކަށްވެސް މޭރުން ނުވަނީއެވެ. އެހެންނޫންނަމަ ދައްކާ ވާހަކަ ދެކޮޅު ޖައްސަން އެނގުނީހެވެ. ޚުޝާމަދުކުރުމުގައިވެސް އިންތަކަކާއި ހަމަތަކެއް އޮންނާންވާނެއެވެ. އިންތަކާއި ހަމަތަކުން ބޭރު ވެވެނީ ވެރިމީހާ ރުއްސުމަށެވެ. ވެރިމީހާ ރުހޭ ކަމަކަށް ވަނީވިއްޔާ އެއޮތީ ބާޒާރު ހުޅުވިފައެވެ. އިނާމު ލިބިގަތުމުގައި އެކަކު އަނެކަކަށްވުރެ ކުރިއަރާން އުޅެ ކުފުރުވެ ނިމިދިއުން މައްސަލަޔަކަށް ނުވަނީއެވެ.

ލިޔާންކަމަށް ހިތުލައިގެން އުޅުނު މިންވަރަށްވުރެ މިހާރުވެސް ދިގުވެއްޖެއެވެ. އެކަމަކު ނިންމައިލާނީ އަދި އެއްވާހަކަ ބުނެފައެވެ. ސަލާހުއްދީނުލް އައްޔޫބީ އާއި މަހާތުމާ ގާނދީ އަކީ ޚުޝާމަދުކުރާ މީހުން ކައިރިކުރައްވައިގެން މަގާމުތައް ދެއްވައިގެން އުޅުއްވި ބޭފުޅުންނެއް ނޫނެވެ. އެއީ އެބޭފުޅުން ނަފްރަތު ކުރެއްވި ސިފައެކެވެ. އެބޭފުޅުންގެ މިއުސޫލު ގެންގުޅުއްވި ވެރީން މިދިވެހިރާއްޖެއިންވެސް ވަނީ ފެނިފައެވެ. އެފަދަ ބޭފުޅަކަށް އެންމެފަހުން ފެނިފައިވަނީ ވެލާނާގޭ ނާސިރެވެ. ނާސިރުގެ ވެރިކަމުގައި ޚުޝާމަދުކުރާ މީހުންނަށް ފުރުސަތެއް ނުދެއްވައެވެ. އެފަދަ މީހުންގެ ދޫތަކުން މުޖުތަމައު ފަސާދަކުރާކަށް ޖާގައެއް ނުދެއްވައެވެ.