ސުޕާރިއަކީ ދިވެހިންގެ މެދުގައި ވަކިން ޚާއްސަކޮށް ޒުވާނުންގެ މެދުގައި ވަރަށް ޚާއްސަ އެއްޗެކެވެ. ގާތް ރަހުމަތްތެރިއަކު ފެނުމުން "ސުޕާރިއެއް" ނެތްތޯ އަހާނުލާ ފަހަރެއް މަދުވާނެއެވެ. ހާލު އަހާލުމުގެ ކުރިންވެސް އެދެވެނީ ސުޕާރިއަކަށެވެ.

ނަމަވެސް މިއަދު ސުޕާރިއެއް ދޭށޭ ރަހުމަތްތެރިއެއް ކައިރީގައި އަހާލުމަކީވެސް ބިރުވެރިކަމެކެވެ. ދޭނެ ޖަވާބެއް ނޭންގޭތީއެވެ. ސުޕާރިއެއް ނެތްތޯ އަހާލައިފިނަމަ ގިނަ ފަހަރަށް މިހާރު ރަހުމަތްތެރިޔާ ކޮށްލަނީ ސުވާލެކެވެ. ސުފާރިއެއްގެ އަގު އިނގޭ ހެއްޔެވެ.؟ ނޫނީ ސުޕާރިއެއް ލިބޭނީ ރުފިޔާއެެއް ދިނީމައޭ ބުނެލާ ފަހަރުވެސް މަދެއް ނޫނެވެ.

ސުޕާރީގެ ތެރެއިން ދިވެހިންގެ މެދުގައި އެންމެ މަގުބޫލީ "ރަސްލީ" ސުޕާރިއެވެ. މީގެ ކުރިން ރަސްލީ ސުޕާރީގެ ހަތަރު ޕަކެޓް ރުފިޔާއަށް ލިބުނު ނަމަވެސް މިއަދު އެންމެ ސުޕާރި ޕަކެޓެއް މި ލިބެނީ ރުފިޔާއަކަށެވެ. ރަސްލީގެ އަގު އުފުލުމާއި ގުޅިގެން ސޯޝަލް މީޑިއާގައި މަޖާ އެކިއެކި ވާހަކަތައް ހިއްސާކުރާ ގުރޫޕުތަކުގައި އެންމެ ގަދައަށް ދެކެވޭ ވާހަކައަކީ ސުޕާރީގެ ވާހަކައެވެ. މާލެއާއި އަތޮޅުތެރޭގައި ކުރަމުންދާ އިހުތިޖާޖުތަކުގެ ފޮޓޯތައް ހިމަނައިގެން "ސުޕާރީ އަގުހެޔޮ ކުރަން ގޮވާލާ ގިނަ ބަޔަކު މުޒާހަރާކޮށްފި" މިފަދަ ސުރުޚީތައް ޖަހައިގެން ޕޯސްޓްތައް ދަނީ ކުރަމުންނެވެ.

އަދި "ސުޕާރީގެ އަގު ހެޔޮކުރުމަށް ޕާޓީތަކުން ރައީސަށް ދަންނަވައިފި"، "ސުޕާރީގެ އަގު ހެޔޮ ނުކުރަނީސް ގެއަކަށް ނުވަންނާނަން" މިފަދަ ސުރުޚީތައްވެސް އެފަދަ ޕޭޖްތަކުން ދަނީ ފެންނަމުންނެވެ. އެންމެ ފަހުން "ސުޕާރި އަގުހެޔޮ ނުކުރާނަމަ ވައްޓާލާނަން" މިފަދަ ސުރުޚީތައްވެސް ދަނީ ސޯޝަލް މީޑިއާގައި ވައިރަލް ވަމުންނެވެ.

ސުޕާރީގެ އަގު ބޮޑުވެ އެ ވާހަކަ ދެކެވެމުންދާއިރު، މިފަހަރު ސުޕާރީގެ ވާހަކަ ރާޅުގަނޑު ބޮޑުބެރު ގުރޫޕްގެ ބާނީ ހައްމާދު ރަޝީދު (ހަމްޕު) ބުނެލީ ލަވަޔަކުންނެވެ. "ދަ ސުޕާރީ ސޯންގ" މިނަމުގައި ހަމްޕު ހަދާފައިވާ މިލަވަ ސޯޝަލް މީޑިއާއަށް ދޫކޮށްލުމާއި ގުޅިގެން ވަރަށް ބޮޑަށް މިވަނީ ވައިރަލްވެފައެވެ. ލަވައިގައި ކުރިން މި ބުނެވުނު ފަދަ ގިނަ ވާހަކަތަކެއް ހަމްފު ވަނީ ހިމަނާފައެވެ. ސުޕާރިއެއް ދޭށޭ ބުނުމުން ލިބޭ ޖަވާބާއި، ސުޕާރީގެ އަގު ހެޔޮކުރުމަށް ގޮވާލުމާއި، ވަރަށް އަވަހަށް ސުޕާރީގެ އަގު ވެއްޓޭނެ ވާހަކަވެސް ލަވައިގައި ބުނެފައިވެއެވެ. ކޮންމެ އަކަށް ހަމްޕުގެ މިފަހަރުގެ ލަވަވެސް ވަރަށް ހިތްގައިމެވެ. ގިނަ ބަޔަކަށް ލަވަ ވަރަށް ކަމުގޮސްފިއެވެ.

ތިރީގައި މިއޮތީ ހަމްޕުގެ މިފަހަރު ލަވައެވެ. ކަމުދޭތޯ ބަލާލާށެވެ.