އެންޓި ޑިފެކްޝަން ބިލަކީ ކަނޑައެޅިގެން ގާނޫނުއަސާސީ އާއި ޚިލާފު ބިލެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

މަޖިލިހުން މއަދު ފާސްކުރި އެންޓި ޑިފެކްޝަން ބިލާ ގުޅޭގޮތުން ވީޓީވީގައި ވާހަކަފުޅު ދައްކަވަމުން ފައިސަލް ނަސީމް ވިދާޅުވީ ގާނޫނުއަސާސީ އާއި ޚިލާފަށް އެއްވެސް ގާނޫނެއް ނެހެދޭނެ ކަމަށެވެ.

ފައިސަލް ވިދާޅުވީ ގާނޫނުއަސާސީ އާއި ފުށޫ އަރާ ގާނޫނެއް ހަދާނަމަ ފުރަތަމަ ޖެހޭނީ ގާނޫނުއަސާސީ އިސްލާހު ކުރުމަށް ކަމަށާ އެހެން ނޫނީ އެފަދަ ގާނޫނަކަށް ރައްޔިތުން ބޯލަނބަން ނުޖެހޭނެ ކަމަށެވެ. އަދި ގާނޫނު އަސާސީއާ ހިލާފަށް، ގާނޫނު އަސާސީއާ ތަޢާރުޒުވާ ގޮތަށް އެއްވެސް ގާނޫނެއް ނެހެދޭނެ ކަމަށްވެސް ވިދާޅުވި އެވެ.

ގާނޫނުއަސާސީ އިސްލާހު ހާއްސަ މަޖިލީހުގެ މެންބަރު ކަންވެސް ކުރައްވާފައިވާ ފައިސަލް ވިދާޅުވީ ގާނޫނު އަސާސީގެ 73 ވަނަ މާއްދާގައި މެމބަރެއްގެ ގޮނޑި ގެއްލޭނެ ހާލަތްތައް ވަރަށް ސާފުކޮށް ބަޔާން ކޮށްދީފައިވާ ކަމަށެވެ.

އެންޓީ ޑިފެކްޝަން ބިލަކީ ވަރަށް ހެއްވާ ބިލެއްގެ ގޮތުގައި ސިފަ ކުރައްވަމުން ފައިސަލް ވިދާޅުވީ ޕާޓީ ބަދަލު ކުރުމުން ނުވަތަ ޕާޓީގެ ސުލޫކީ ކޮމިޓީ އެއްްގައި ތިބޭ ދެތިން މެމްބަަރަކު ބޭނުންވެގެން މަޖިލީހުގެ މެމްބަރަކު ޕާޓީން ވަކި ކުރެވޭ ގޮތް ހެދުމަކީ ތާކުންތާކު ޖެހޭ ކަމެއް ނޫން ކަަމަށެވެ.

"އަޅުގަނޑު ދަންނަވާނީ މިއީ އެއްވެސް ގޮތަކަށް ކޮށްގެންވާނެ ކަމެއް ނޫނޭ. ކިތަންމެ ވަރަކަށް ބަޔަކު ދަށުވެފައި ހުރި ނަމަވެސް ބުނާހާ ކަންތައްތައް ކޮށްދިނަމަވެސް ހުންނާނެ ނޫންތާ ކޮށްދީގެން ނުވާނެ ކަންތައްތައް. އަސްވިއްކިޔަސް ލަގަން ނުވިއްކާށޭ އޮންނަނީ. ހުރިހާ ބާރުތަކަކާ ހުރިހާ ކަމެއް ދޫކޮށްލާފައި މޭ އައްޑަނައަކަށް ހަދައިގެން، އެގޮތަށް ކަންތައް ކުރާކަށް ނުވާނެ. މިއޮތީ އަމިއްލަ މީޙާއަށް ފިޔަވަޅު އެޅުމަށްޓަކައި އަމިއްލައަށް ވޯޓު ދީގެން ފުރުސަތު މިދެނީ. އެއީ އެއް ގޮތަކަށްވެސް ގަބޫލު ކުރެވޭނެ ކަންތައްތަކެއް ނޫން" ފައިސަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕާޓީއެއްގެ ޓިކެޓްގައި މަޖިލީހަށް ހޮވޭ މެމްބަރަކު ޕާޓީ ބަދަލުކޮށްފި ނަމަ ގޮނޑި ގެއްލުނަސް އަމިއްލަ މެމްބަރަކު ޕާޓީ އަކާ ގުޅުމުން ގޮނޑި ނުގެއްލޭ ގޮތަށް އެންޓި ޑިފެކްޝަން ބިލުގައި އޮތް އޮތުން ދެކޮޅު ނުޖެހޭ ކަމަށެވެ. އެހެންކަމުން މިބިލަކީ ވެސް އަވަސް އަރުވާލައިގެން ނޭނގި ތިބެ ތައްޔާރު ކުރި ބިލެއް ކަމަށް ދެކެވަޑައިގަންނަވާ ކަމުގައި ވިދާޅުވި އެވެ. އަދި ވިދާޅުވީ ގާނޫނަކީ އޭގެޒާތުގައި ހަމަޖެހޭ އެއްޗަކަށް ވާންޖެހޭނެ ކަމަށާއި އަދި އެގާނޫނެއް އިސްލާމްދީނުގެ އަސްލަކާވެސް ޚިލާފުވެގެން ނުވާނެ ކަމަށެވެ.

ފައިސަލް އިތުރަށް ވިދާޅުވީ ކުރީގައި ހިނގާފައިވާ ކަމަކަށް މިހާރު ހަދާ ގާނޫނެއްގެ ދަށުން ފިޔަވަޅު އެޅިގެންނުވާނެ ކަމަށާއި އެއީ ގާނޫނު އަސާސީ ދަންނަ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން މަޖިލީހުގެ މިދައުރުގައި ޕާޓީ ބަދަލުކޮށްފައިވާ މެމްބަރުންނާ ޕާޓީން ވަކިކުރި މެމްބަރުންގެ ގޮނޑި ނުގެއްލޭނެ ކަމަށްވެސް ފައިސަލް ވަނީ ވިދާޅުވެފަ އެވެ.