ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގެ އިސް މަގާމްތަކަށް ދަރިވަރުން ހޮވައިފިއެވެ.

ވިލާ ކޮލެޖްގައި ބޭއްވި މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޑެޕިއުޓީ ވައިސް ރެކްޓަރ ރިސާޗް އެންޑް އިނޮވޭޝަން ޑރ މުހައްމަދު އާދިލްއެވެ.

މި ރަސްމިއްޔާތުގައި ދަރިވަރުންނާ މުހާތަބު ކުރައްވަމުން ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގެ ޕްރިންސިޕަލް ސައީދު އަހުމަދު ވިދާޅުވީ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގެ ކުރިއެރުމަކީ ޓީޗަރުން ދައްކާ މަގުން ހިނގާ، ދަރިވަރުން ހޯދަމުންދާ ކާމިޔާބީ ކަމަށެވެ.

އެގޮތުން އެކި މަގާމުތަކަށް އައްޔަންކުރެވި ހުވާ ކުރި ކުދިންނަކީ ލީޑަޝިޕް ހުރި ގާބިލްކުދިން ކަމަށާއި، އެހެން ކުދިންނަށް ހިތްވަރުދޭ ކުދިންނަށް ވާންޖެހޭ ކަމަށް ސައީދު ވިދާޅުވިއެވެ. ސައީދު ވިދާޅުވީ ހައިސުކޫލްގެ މަގާމުތަކަށް ކުދިން ހޮވާފައިވަނީ ދަރިވަރުންގެ މެދުގައި ވާދަވެރި ވޯޓަކުން ކަމަށާއި ހޮވިފައި ތިބި ކުދިންނަކީ މިއަހަރު ސްކޫލުގައި ބާއްވާ ހުރިހާ ކަމެއް ރާވައި ފުރިހަމައަށް އިންތިޒާމްކުރެވޭނެ ކުދިން ކަމަށެވެ.