މާލޭ ވިޔަފާރި ބަނދަރުގައި މުދާ ހުސްކުރުމުގެ ޚިދުމަތުގެ އަގު ކަނޑއަޅާފައިވަނީ ފިހާރައާ ހަމައަށް ގެންދިއުމުގެ އަގާއެކު ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

ްއިކޮނޮމިކް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވީ، މާލޭ ވިޔަފާރި ބަނދަރުގައި މުދާ ހުސްކުރުމުގެ ޚިދުމަތުގެ އަގު ސަރުކާރުން ކަނޑައަޅާފައިވަނީ ބަނދަރުން މުދާ ނެރުމަށް އެކަނި ނޫން ކަމަށާއި، އެމުދާތައް ފިހާރައާ ހަމައަށް ގެންދިއުމާ ހަމައަށްވެސް ނެގޭނީ ސަރުކާރުން މިހާރު ކަނޑައަޅާފައިވާ އަގުތައް ކަމަށެވެ. އަދި އިތުރު އަގެއް ފިހާރަތަކަށް މުދާ ގެންދިއުމަށް ނުނެގޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ސައީދު ވިދާޅުވީ ވިޔަފާރި ބަނދަރުން މުދާ ކްލިއާ ކުރާ މަޖޫރިންގެ ކަންތައް މީގެ ކުރިން ކޮށްފައިވަނީ އެއްވެސް އުސޫލެއް ނެތި ކަމަށެވެ.

ވިޔަފާރި ބަނދަރުން މުދާ ހުސްކުރާ ގަޑިތަކަށް ސަރުކާރުން ގެނައި ބަދަލުގެ ސަބަބުން ދިމާވަމުންދާ ދަތިތައް ހައްލުކުރުމުގެ ގޮތުން އިކޮނޮމިކް މިނިސްޓްރީން ވަނީ މަޖޫރީންނަށް މުދާ ކްލިޔާ ކޮށްދެވޭނެ ވަކި އަގުތަކެއް ކަނޑައަޅާފައެވެ. އެ މިނިސްޓްރީން ބުނީ އެ އަގުތަކަށްްވުރެ ބޮޑުކޮށް މުދާ ކްލިއާ ކޮށްދިނުމަކީ މަނާ ކަމެއް ކަމަށެވެ. މިނިސްޓަރު ސައީދު ވިދާޅުވީ ވިޔަފާރި މުދާ އުފުލުމަށް މިހާރު ހަމަޖައްސާފައިވާ ގަޑިތަކަކީ ވިޔަފާރި ކުރާ ފަރާތްތަކަށާއި މުދާ އުފުލާ ފަރާތްތަކަށްވެސް ފަސޭހަ ބަދަލެއް ކަމަށެވެ. އެގޮތުން މި ބަދަލު ގެނައި ފަހުން އެމްޕީއެލުން މުދާ ކްލިއާކުރާ މިންވަރަށް ބަދަލު އައިސްފައި ނުވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އިކޮނޮމިކް މިނިސްޓަރު ވިދާޅުވީ މާލެ ތެރޭގައި މުދާ ޑެލިވަރީ ކުރުމަށް ގެނައި ބަދަލާއެކު ފެން ލިބުމުގައި ދަތިތައް ނޫޅޭ ކަމަށާ، އެކަމށް ދަތިކަން އުޅޭނަމަ ފެން އުފައްދާ ކުންފުނިތަކާ މަޝްވަރާކޮށްގެން ހައްލު ހޯއްދަވާނެ ކަމަށެވެ. މީގެ އިތުރަށް ރަށްރަށަށް ފޮނުވާ އަސާސީ ބައެއް ބާވަތްތަކުގެ މުދާ ނޯތު ހާބަރާއި ޓީ-ޖެޓީގައި ގުދަން ކުރެވޭނެ އިންތިޒާމުވެސް ހަމަޖައްސައިދިނުމަށް މިހާރު ނިންމާފައިވާ ކަމުގައި ވިދާޅުވިއެވެ.