(03 އޭޕްރީލް 2017 އާ ގުޅޭ)

ގެއަށް އައިސް ފެންވަރާލައިގެން ހަމަޖެހިލީމެވެ. ހިތަށް އަރައިފައިބަމުންދާ ޚިޔާލުތަކާމެދު ވިސްނާލީމެވެ. ހިތަށް ވަމުންދިޔަ ގޮތާއި ހިތްތެޅުނު ވަރުން އުނދަގޫ ވެސް ވިއެވެ. އެއަށްވުރެ ބޮޑަށް ހާސްވީއެވެ. އެކަމަކު ހާސްވާން ޖެހޭ ސަބަބެއް ނެތެވެ. އަހަރެންނަކީ ވެސް އިންސާނެކެވެ. ލޯތްބަކީ ކޮންމެ ހިތަކު ވެސް ޖަހާނެ ވިންދެކެވެ. އެވިންދު އަހަރެންގެ ހިތުގައި ޖަހައިފިކަން އަހަރެންގެ ހިތް ބުންޏެވެ. އެ ހިތުގައި ނިދާފައި އޮތް އެ އިހުސާސް ހޭލައިފިކަން އަހަރެންގެ ހިތް އިޢުލާން ކުރިއެވެ. ފުންނޭވާއެއް ލުމަށްފަހު އަހަރެން ފޯނު ނެގީމެވެ. އަދި ސުނީގެ ނަންބަރަށް ގުޅީމެވެ.

ވާހަކަދެއްކީ ސުނީއެވެ. އެއީ އެފަދަ ފޯނުކޯލެއް އަހަރެން ކުރި ފުރަތަމަ ފަހަރެވެ. އަހަރެންގެ އެ ކެރުމާމެދު ޚުދު އަހަރެންވެސް އަޖައިބުވިއެވެ.

"މިއީ ނުހާދު. އެގިއްޖެތަ؟" އަހަރެން ސުވާލު ކޮށްލީމެވެ.

"އެނގިއްޖެ. ކިހިނެއްވީ؟" ސުނީ ސުވާލުކުރީ ހައިރާންވެގެންކަން އަހަރެންނަށް އެނގުނެވެ.

"އަނެއްކާ ގޯސް ގަޑިއެއްތަ؟" އަހަރެންނަށް އަހައިލެވުނެވެ.

"ނޫން ގަޑި ގޯހެއް ނޫން. ތިޔަ ގުޅެނީ ރަނގަޅު މީހާއަށްބާ؟" ސުނީ ކުރި ސުވާލުން އަނެއްކާވެސް އަހަރެންނަށް ލިބުނީ އިތުރު ހާސްކަމެވެ.

"ތިޔައީ ސުނީއެއްނު. އަހަރެން މި ގުޅަނީ ހަމަ ސުނީއަށް. މިރޭ ނަންބަރު ދިނީމާ ހިތަށް އެރީ ގުޅާލާނަމޭ" ސަބަބެއް ދެއްކުމުގެ ގޮތުން އަހަރެން ވާހަކަދެއްކީމެވެ.

"އޯކޭ. އަހަރެން މި އޮތީ އަޑުއަހަން. ދައްކަން ބޭނުން ވާހަކައެއް ދައްކާ" ސުނީ ހުޅުވާލީ ހީވެސް ނުކުރާ ފުރުޞަތެކެވެ.

"ކޮބާ ސުނީގެ މަންމަމެން" އަހަރެންނަށް އަހައިލެވުނީ މަންމަ ކޮބައިތޯއެވެ. އެ ސުވާލަށް ދުނީ ޖަހާލީ ހިނިގަނޑެކެވެ.

"މަންމަ ހޯދަންތަ ތި ގުޅީ. އާދޭ އަވަހަށް މިގެއަށް. މަންމައާ ބައްދަލުކުރާކަށް މާ އުނދަގުލެއް ނުވާނެ" ސުނީ ދިން ޖަވާބުން އަހަރެން ލަދު ގަންނަ ގޮތްވިއެވެ.

"ނޫން ނޫން. ދެން މަންމަ ވާހަކަ ވެސް އަހާލެވިދާނެއްނު" އަހަރެންގެ ވާހަކަ ނުނިމެނީސް ސުނީ ފެށިއެވެ.

"ބައްޕަ ވާހަކައެއް ނާހާނަންތަ؟"

"ބައްޕަ ދޯ... ބަލަ ފިރިހެނުން އަހާނީ އަންހެނުން ވާހަކައެއްނު؟" ސުނީގެ ގާތުން ކުރި ހޯދޭތޯ އަހަރެން ވެސް ސުވާލެއް ކުރީމެވެ.

"ތިޔައީ ތެދެއް. ފިރިހެނުން ގުޅާނީ އަންހެނުން ހޯދަން. މާނައަކީ ތިޔަ ގުޅީ އަހަރެން ހޯދާށޭތަ؟" ސުނީ ކުރި ސުވާލުން އަހަރެން ފަސްޖެހޭ ގޮތްވިއެވެ. ދުލަށް ބަރުވިހެންވެސް ހީވިއެވެ. ވިސްނާލަން ކުޑަ ވަގުތުކޮޅެއް ނެގުމަށްފަހު އަހަރެން ޖަވާބުދީނެވެ.

"އަހަރެންނަށް ސުނީ ފެނިއްޖެ. އިތުރަށް ހޯދަން ޖެހެޔެކޭ ހިތެއް ނުބުނެ. ދެން ކީއްކުރަން ހޯދަންވީ؟"

"ރަނގަޅު. ތި ދިނީ ވަރަށް ސަޅި ޖަވާބެއް. އެހެންވީމާ ހޯދާނެކަމެއް ނެތް." ސުނީ ވާހަކަދައްކަމުން ދިޔައީ އަހަރެންވެސް ވާހަކަދެއްކި މާނަތަކާއެކުއެވެ. ބުނާ ކޮންމެ ޖުމުލައެއްގައި އެތައް މާނައެއް ހިމަނައިގެންނެވެ. އެ ޖާދުވީ ހުނަރުން އަހަރެންގެ ހިތް އިތުރަށް ލެނބިގެން ދިޔައެވެ. އެ އަޑުގެ ރީތި ރާގަށް ނަށަމުން ދިޔަ ބަސްތަކުން ސުނީއަކީ ކާކުކަން އަހަރެންގެ ހިތް ދެނެގަތެވެ. އެރޭ އަހަރެން ނިދީ އެތައް ހުވަފެންތަކެއް ދެކެމުންނެވެ. ހިތުގެ ޗާޓުގައި އެތައް ޚިޔާލެއް ކުރަހަމުންނެވެ.

ހަފުތާއެއްވީ އިރު އަހަރެންނާއި ސުނީގެ ގުޅުން ލޯތްބަށް ބަދަލުވިއެވެ. އެ ލޯބީގައި ދެމީހުން ކުރިއަށް ދާން ވަޢުދުވީމެވެ. އެކަން އާއިލާ މީހުންނަށް ވެސް ހިއްސާކުރީމެވެ.

"ދެން އަވަހަށް އިންނަންވީ. ލަސްކުރާކަށް މަންމައަކަށްނުފެނޭ" މީހަކާ ރައްޓެހިވި ވާހަކަ ބުނުމުން މަންމަ ފުރަތަމަވެސް ބޭނުންވީ ކައިވެނިކުރުވާށެވެ.

"އަދި ދުވަސްކޮޅެއް ކޮށްލާފައި. އެކަމަކު މާގިނަ ދުވަހެއް އިރާދަކުރެއްވިއްޔާ ނުވާނެ. ޑިސެންބަރުގައި މިކަން ކުރާނަމޭ ހިތުގައި އޮތީ" އަހަރެންގެ ވިސްނުމުގައި އޮތް ގޮތް މަންމައާ ހިއްސާކުރީމެވެ.

"މުޒާހަރާއަށް ގޮސްގެންވެސް ކަމެއް ކޮށްފިތާ" ހިނިގަނޑަކާއެކު މަންމަ ބުނެލިއެވެ.

"މަންމަ ބުނާނެ އަދިވެސް މުޒާހަރާއަށް ނުދާށޭ. ގައިމު ކަމެއްތާ މިކުރެވުނީ؟" އަހަރެންވެސް ޖަހާލީ ހިނިގަނޑެކެވެ. އެއީ ހަގީގަތެވެ. އެލޯބި އަހަރެންނަށް ލިބުމުމުގެ މެދުވެރިއަކީ މުޒާހަރާއެވެ. އެ މުޒާހަރާއަށް ނުދާނަމަ ސުނީ އަހަރެންނާ ދިމާވީސް ހެއްޔެވެ؟ މި ލޯބި އަހަރެންނަށް ހާސިލުވީސް ހެއްޔެވެ؟

ސުނީއާ އެތައް ވާހަކައެއް އަހަރެން ދެއްކީމެވެ. އެންމެ ގިނައިން ދެއްކުނީ މުޒާހަރާގެ ވާހަކެވެ. ލިބޭ އަނިޔާ ތަކުގެ ވާހަކައެވެ. އަންހެނުންނަށް ލިބޭ ގެއްލުންތަކުގެ ވާހަކައެވެ. އެ ވާހަކަތައް ދެއްކުނީ އެފަދަ ގެއްލުމެއް ސުނީއަށް ލިބިދާނެތީއެވެ. އެގޮތް އަހަރެން ބޭނުން ނުވާތީއެވެ. ސުނީގެ ވާހަކަ ތަފާތެވެ. އޭނާ ކޮންމެ މީހަކުވެސް އެކަމުގައި ބައިވެރިވާން ޖެހޭކަމަށެވެ. އެމީހެއްގެ ޒިންމާ އުފުލާނީ އެމީހަކު ކަމަށެވެ. އެއީވެސް ދޮގެއް ނޫނެވެ. އެއީ ކުރިން އަހަރެންވެސް ދެއްކި ވާހަކައެވެ. މުޒާހަރާއަށް ނުކުންނަމުން މަންމަ ގާތުގައި ދެއްކި ބަހަނާއެވެ.

ހަފުތާއެއް ފަހުން އަނެއްކާ ވެސް ބޮޑު މުޒާހަރާއެއް ޖެއްސުމަށް ތައްޔާރުވިއެވެ. މިފަހަރު ދޭތިން އެކައްޗަށެވެ. އެހެން ފަހަރުތަކަށްވުރެ ފޯރި ގަދަކޮށެވެ. ވީ ތައްޔާރީތައް ވެސް ތަފާތެވެ. އަހަރެންނާއި ސުނީ ވެސް އެ ތައްޔާރީ ތަކުގައި ބައިވެރިވީމެވެ. ބައެއް މީހުން އަހަރެންނާ ދިމާ ވެސް ކުރެއެވެ. ސުނީއާ ވެސް ދިމާކުރެއެވެ. އަހަރެން އަޅައެއް ނުލަމެވެ. ސުނީވެސް އަޅައެއް ނުލައެވެ. އެހަރެންނާއި ސުނީގެ ގުޅުން ނޭނގޭ މީހަކު ނެތެވެ. އެހެންވީމާ ސިއްރުން އުޅުމުގެ މާނައެއް ވެސް ނެތެވެ.

ބޮޑު މުޒާހަރާގެ މެދުތެރެއެވެ. އެއްވެ ތިބީ މަޖީދީ މަގުގައެވެ. ދުއްވާ އުޅަނދުތަކުގެ ބަރުގޮން މުޒާހަރާގެ ބައިވެރީންގެ ހަޅޭކުގެ އަޑުން މުޅިތަން ވަނީ ގުގުމާލާފައެވެ. ހަލަބޮލި މަގުތައް އިތުރަށް އޮތީ ތޮއްޖެހިފައެވެ.

މުޒާހަރާ ރޫޅާލާނެކަން ފުލުން އޮތީ އިޢުލާން ކޮށްފައެވެ. ސަރަހައްދު ދޫކޮށް ދިއުމަށް ފުލުހުން ދިޔައީ ނަސޭހަތްތެރި ވަމުންނެވެ. އެކަމަކު އެ އަޑު އަހާނެ މީހަކު ނެތެވެ. އެ ވާހަކަތަކަށް އިޖާބަދޭތަނެއް ނުފެނެއެވެ. އެންމެ ފަހުން ބާރުގެ ބޭނުން ކުރީއެވެ. ރައިޓްގިޔަރުގައި ތިބި މީހުން ދުއްވައިގަތީއެވެ. މީހުންގެ ގަނޑުގެ ތެރެއަށް ވަދެގަތީއެވެ. ޕެޕަރސްޕްރޭ ޖެހީއެވެ.

އެއްލި ކަޅިން ފެނުނީ ސުނީގެ ގަޔަށް ޕެޕަރ ސްޕޭޖަހާތަނެވެ. އެ މަންޒަރު ބަލާކަށް ކެތެއް ނުކުރެވުނެވެ. އެ ދިމާއަށް ދުއްވައިގަތީމެވެ. ފުލުސް މީހާގެ ކުރިމައްޗަށް އެރީމެވެ. އެމީހާގެ ގައިގައި ޖެހިގަތީމެވެ. އަދި ފޮޅާވެސް ލީމެވެ. އާދަޔާ ޚިލާފު ހިތްވަރާއެކު މީހުންގަނޑުގެ އަޑުވެސް އިތުރަށް ގަދަވިއެވެ. ފުލުހުންގެ ޙަރަކާތްވެސް އަވަސްވިއެވެ.

އަހަރެންނަށް ޖެހުނީ ފުލުހުންގެ ބެލުމުގެ ދަށަށް ދާށެވެ. ބިންމަތީ ބާއްވާ ބިޑި އެޅުވުމަށްފަހު އަހަރެން ދަމާފައި ކަހަލަގޮތަކަށް ގެންގޮސް ޖިޕަށް އެރުވިއެވެ. ވީތަދާއި ލިބުނު އަނިޔާގައި އަހަރެންނަށް އިނދެވުނީ ބިތްގެޅިފައެވެ.

އަހަރެންގެ އަމަލުތަކާމެދު ވިސްނާލެވުނީ ދޫނިދޫއަށް ގެންދިޔަ ފަހުންނެވެ. އެތަނުގައި އިންނަން ޖެހުނީ ކީއްވެކަން އެނގެއެވެ. އެކަމަކު އެގޮތަށް ކަންކުރެވެނީތީ ދެރައެއް ނުވެއެވެ. އެކަމުގެ ތެރެއިން ޖަލަށް ވަންނަން ޖެހުނީތީ ހާހެއްވެސް ނުވެއެވެ.

އަހަރެން އިންތިޒާރު ކުރީ ސަލާމަތްވާނެ ވަގުތަކަށެވެ. ހީކޮށްގެން ހުރީ ބަންދުގެ މުއްތަދު ޖަހަން ގެންދިއުމުން މިނިވަންވާނެކަމަށެވެ. ނަމަވެސް އެކަންވީ ބިލާހަކަށެވެ. އަހަރެންނަށް ކުރީ ފުލުހުންގެ ވާޖިބަށް ހުރަސް އެޅި ކަމުގެ ދައުވާއެވެ.

އަހަރެން ހާސްވީ އެހިސާބުންނެވެ. ސަލާމަތް ނުވެދާނެކަމުގެ ބިރުހީވީ ލޯޔަރު ދެއްކި ވާހަކަތަކާއެކުއެވެ. އެންމެ ދެރަވީ މަންމަ ދެއްކި ވާހަކަތަކުންނެވެ. އެއީ މަންމަ ބުނި ވާހަކަތަކެވެ. އެކަމަކު އަހަރެންގެ ފަހަތުގައި އެތައް ބަޔަކު ތިބިކަން މަންމައަށް ފެންނާނައެވެ. އަހަރެންގެ ހައްގުގައި މަންމަ ނޫން ކިތަންމެ ބަޔަކު ތިބިކަން ވެސް މަންމައަށް ގަބޫލުކުރެވުނެވެ. މަންމަގެ ހިތުގައި އެޅީ އަހަރެންގެ ހިތުގައި އަޅަމުން ދިޔަ ވޭނެއެވެ. އެވޭނުން އުފެއްދީ އާ ޢަޒުމެކެވެ. ކުރިލައި ހެދުނީ އާ ގޮފިގަނޑެކެވެ.

އަހަރެން ކުށް އަހަރެން ގަބޫލުކުރީމެވެ. އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަހަރެން ތަންފީޒު ކުރީމެވެ. ވޭނާއި ކެކުޅުމުގައި ދުވަސްތައް ހޭދަކުރީމެވެ.

މިއަދު އަހަރެންނަކީ މިނިވަނެކެވެ. އަހަރެން މިނިވަންވެގެން މާލެއަށް ގެނެވުނު އިރު އަހަރެންނަށް މަރުހަބާ ކިޔަން އެތައް ބަޔަކު ޖަމާވެފައި ތިއްބެވެ. މަންމައާއި ބައްޕައެވެ. ސުނީއާއި އޭނާގެ ބައްޕައެވެ. ރައްޓެހިންނާއި ޕާޓީ މީހުންނެވެ. ހިތްހަމަ ޖެހުމުގެ ނޭވާއެއް ލެވުނީ އުންމީދު ހަގީގަތަކަށް ހެދޭތީއެވެ. ކައިވެނީގެ ވާހަކަ ސުނީ ދެއްކީތީއެވެ. އޭނާގެ ބައްޕަވެސް އެ ވަހަކަ ބުނީތީއެވެ.

މިއަދުވެސް އަހަރެން މިހުރީ އެގޮތުގައެވެ. ސުނީއާ އިނީވެސް އެ ޢަޒުމުގައެވެ. ކޮންމެ މުޒާހަރާއަކަށް އަހަރެން ދަމެވެ. ދާނެވެސް މެއެވެ. އެ މުޒާހަރާތަކުން އަހަރެންގެ ލޯބި ދިރުވައިދެއެވެ. އެ ލޯބީގެ ދުވަސްތައް ހަނދާން ކޮށްދެއެވެ. އެ ހިތާމަ އިޝަގަށް ހަދައިދެއެވެ.

(ނިމުނީ)