ހެނދުނު ތެދުވެގެން ނާސްތާއެއް ކުރާނަމޭ ހިތައި ސަންސެޓަށް އާމިނަގެ ދަރިޔާ ދިޔައިރު ކުދިބަޔަކު އެއްކޮށްގެން ހުރެ އަޑަށް ނިކަން ބާރުލާފައި ކޮންމެވެސް ފަތިވަރުތަކެއް ޑަމްޕަރު އަހައްމާ އެބަ އަމުނައެވެ. ދަރިޔާ ކައިރިވީމާ އަހައްމާ ބުންޏެވެ. އާނއާނ މިހިރަ އަންނަނީ ދެން ހުރި ކަލޭގެއެވެ. މީނާވެސް ހުންނާނީ އީޔޫއިން އެކިޔާ ތަކެއްޗަށް އީމާން ވެގެންނެވެ. މިއުރެންނާހެދި ދެން ފޮރުއްޕާކަށް ނެތެވެ. މިއަޑު އަހާފައި ދަރިޔާ ބުންޏެވެ. އަހައްމާ މިއަދު އޭބީސީޑީ ޖަހާ ދުވަހެއް ދޮތައެވެ. ކޮން އީޔޫއެކޭ ބާވައެވެ. ވެގެން އުޅޭގޮތް ކިޔައިދީބަލާށެވެ.

އަހަންމާ ރުޅިމޫނު ހަދައިފައި ބުންޏެވެ. ތިޔަ އެހީ ވެގެން އުޅޭ ގޮތް ހަމަ ނޭގިގެންހެއްޔެވެ. ވެގެން މިއުޅޭ ކަމަކީ އަހަރެމެން އިސްލާމްދީނަށް އުޅޭތީ ޔޫރަޕުގެ ފަރަންޖީންގެ ލޮލަށް ހަމަނިދި ނުލިބެނީއެވެ. މިހާރު އަންގައިފިއެވެ. ދިވެހީންވެސް ބޭނުން ދީނަކަށް އުޅުމުގެ ހުއްދަ ދޭންވީއެވެ. މީދެން ކިހާ ބޮޑު ދުއްޕާނެއް ހެއްޔެވެ. ދަރިޔާ ކުޑައިކޮށް ހީލާފައި ބުންޏެވެ. ތިޔައީ ހަމަ ތެދެއް ހެއްޔެވެ. ޔޫރަޕުގެ ފަރަންޖީން އެއުޅެނީ އަހަރެމެން މި ދީނުން ބޭރު ނުކުރެވިގެން ހެއްޔެވެ. އަހައްމާ އަވަސްއަވަހަށް ބުންޏެވެ. އާނއާނ ހަގީގަތަކީ ތިޔައީއެވެ.

ދަރިޔާ ކިޔައިފިއެވެ. ބަލަ އަހައްމާއެވެ. އެވެރިން ތިނޫން އެހެން ވާހަކަތައްވެސް އެބަބުނޭ ނޫންހެއްޔެވެ. މީހުން ނުމަރާށޭ، ވައްކަން ނުކުރާށޭ، އަނިޔާ ނުކުރާށޭ އަދި އިންސާފު ގާއިމު ކުރާށޭވެސް ބުނި ނޫންހެއްޔެވެ. އެވާހަކަތައް އެކަހެރިކޮށްފައި ދީނޭ ތިކިޔަނީ ކީއްވެގެން ބާވައެވެ. ބަލަ އެކަންކަމަކީ އަހަރެމެންގެ ދީނުގައިވެސް ބާރުއަޅާ ކަންކަމެވެ. އަހައްމާ ބުންޏެވެ. ނުމަރާށޭ އެކިޔަނީ އިސްލާމީ ޝަރީއަތުގައި މަރަށް މަރު ހިފާން އަންގަވާތީ އެކަން ވިޔަ ނުދޭންވެގެންނެވެ. ފުރާނަޔަކަށް ކުލުނެއް ހުރެގެނެއް ނޫނެވެ.

ދަރިޔާ ކިޔައިފިއެވެ. އަހައްމާމެން ތިޔަ އަހަނީ އަދުރޭމެން ދައްކާ ވާހަކަ ވިއްޔާއެވެ. އެހެންވީމާ ދެން އެހެން އެއްޗެއް އިވި ކަންކަން މޭރުންވުން ކުޑަވާނެތާ ދޯއެވެ. ތިޔަބުނާ އީޔޫއަކުން ދީނީ މިނިވަންކަމޭ އެކިޔަނީ ދިވެހިން ވަކި ދީނަކަށް އުޅޭތީ އެކަމާ ހަސަދަވެރިވެގެން ނޫންކަން ނޭނގިގެން ތިޔައުޅެނީ އެހެންވެގެންނެވެ. ވަކި ދީނަކަށް ވެގެން، ވަކި ނަސްލަކަށް ވެގެން، ވަކި ޖިންސަކަށް ވެގެން، ވަކި ފިކުރެއް ގެންގުޅެގެން އަދި ވަކި ގައުމަކަށް ވެގެން އެއްވެސް އިންސާނަކާމެދު ނުކިއްސަރުގޮތަކަށް ނުބެލުމާއި ތަފާތު ނުކުރުމާއި މީހުން ނުމެރުމަކީ ތިޔަ އީޔޫގެ ދުސްތޫރުގައި ބަޔާންކޮށްފައި އޮންނަ އުސޫލެވެ. އެވެރިން އެކިޔަނީ މި އުސޫލުގެ ވާހަކައެވެ. މިއީ އަދަކު އިއްޔެއަކު ފެށި ކަމެއް ނޫނެވެ. އަބަދުވެސް އީޔޫއިން ކިޔަމުން އަންނަނީ އެލަވައެވެ.

އަހައްމާ އަޑު އަހާށެވެ. ތިޔަބުނާ ޔޫރަޕުގެ ތެރޭގައި ކޮސޮވޯއޭ ކިޔުނު އިސްލާމީ ގައުމެއް އުފެއްދީ ހަމަ އިއްޔެއެވެ. އެއީ ކޮސޮވޯގެ މުސްލިމުންނަށް ސާބިޔާގެ ނަސާރާ ސަރުކާރުގެ ދަށުގައި އުޅެވޭނެ ގޮތެއް ނެތިގެން އީޔޫއިން ބާރު އަޅައިގެން އުފެއްދި ގައުމެއް ނޫންބާވައެވެ. ޔޫރަޕުގެ ތެރެއިން ބޮސްނިޔާގެ މުސްލިމުންނަށް އަމާންކަން ހޯދައިދިނީވެސް ހަމަ އީޔޫއިން އެކަމާއި އުޅެގެން ނޫންބާވައެވެ. މިކަންކަމުންވެސް އީޔޫއިން ކަންބޮޑުވަނީ ވަކިބަޔަކު ވަކިދީނަކަށް އުޅޭތީ ނޫންކަން އެބަކަށަވަރުވެއެވެ. އެމެރިކާގެ އެކި ސްޓޭޓުތަކުގައި މަރުގެ ހުކުމް ތަންފީޒުކުރާތީ އީޔޫއިން އެކަމާ އަޑުއުފުލާވަރު އަހައްމާ ނުދަންނަންދޯއެވެ. އެއީ ކޮންމެބަޔަކު ކުރިޔަސް އެވެރިން ދެކޮޅުހަދާ ކަމެކެވެ.

ބަރުމާގެ ރޮހިންގާ މުސްލިމުންގެ މައްސަލާގައިވެސް މި ދިވެހިރާއްޖެއަށްވުރެ ކުރިން ބަސް ބުނެ މަންދޫބުން ފޮނުވައިގެން ހައްލު ހޯދަން އުޅެގަތީ އީޔޫއިން ނޫންހެއްޔެވެ. ނަސާރާއިންގެ އެންމެ މުގައްދަސް އެންމެ ބޮޑު ފައްޅި ވެޓިކަން ސިޓީގައި ހުންނައިރު އެފައްޅި ފެންނަ ހިސާބުގައި އިސްލާމުން އެތިބީ މިސްކިތް އަޅައިގެންނެވެ. އެކަން ވިޔަނުދޭން ބަޔަކު އުޅެގަތީމާ އުސޫލު ދައްކާފައި އެކަމަށް މަގަފަހިކޮށްދިނީވެސް އީޔޫއިންނެވެ. ވީމާ އެވެރިން އެކިޔާ އެއްޗެއްގެ އަސްލާއި ސަބަބު ނުބަލައި އަދި ދައްކާ ވާހަކަޔަކީ ކޮބައިކަންވެސް ނުބަލައި އަދުރޭމެން ދައްކާ ވާހަކަ އަޑު އެހީމާ ދެން ވާނެގޮތް ތިޔަތިބީ ވެފައެވެ. އިސްލާމް، އީމާން، އިހުސާންކަމުގެ ސިފަތަކަކީ ތިޔައީކަމެއް މަށަކު ނުދަންނަމެވެ.