އަމިއްލަ ޒަރޫރީ ބޭނުންތައް ފުއްދުމުގައި ދަތިކަން ތަހައްމަލު ކުރަމުންދާ އާއިލާތަކަށް އެހީތެރިވެ ލުއިކަން ހޯދައިދިނުމުގެ މަގުސަދުގައި މި ރަމަޟާން މަހު އެފަދަ އާއިލާތަކަށް އެހީވުމުގެ ހާއްސަ ފްރޮގްރާމެއް ހިންގުމަށް ޖަމިއްޔަތުލް ސަލަފުން ނިންމައިފި އެވެ.
މުޅި ރާއްޖެއަށް އަމާޒު ކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމަކީ އެއްމަސް ދުވަހުގެ ކާބޯތަކެތި ހިލޭ ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެއް ކަމަށް އެ ޖަމިއްޔާއިން ބުނެ އެވެ.
މި ރަމަޟާން މަހު ސަލަފުން މުޅިން އަލަށް ފަށާ މި ޕްރޮގްރާމާ ގުޅޭ ގޮތުން ވީނިއުސްއަށް މައުލުމާތު ދެއްވަމުން ސަލަފް ޖަމިއްޔާގެ ރައީސް ޝައިހް އަބުދުﷲ ބިން މުހައްމަދު އިބްރާހީމް ވިދާޅުވީ މިއީ ނިކަމެތިންނާއި، އެހީއަށް ބޭނުންވެފައި ތިބޭ މީހުންނަށް، ކެއިން ބުއިމާއި އެހެން އެހީތައްވެސް ފޯރުކޮށްދެވޭނެ ޕްރޮގްރާމެއް ކަމަށެވެ.
ޝައިހް އަބްދުﷲ ވިދާޅުވީ އެ ޖަމިއްޔާގެ އަމާޒަކީ މަދުވެގެން 100 އާއިލާއަށް އެއްމަސް ދުވަހަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށާއި، އެހެންނަނަމަވެސް މި އަދަދު އިތުރުވުން ނުވަތަ މަދުވުންވެސް އެކަށީގެންވާ ކަމަށެވެ.
މިޕްރޮގްރާމުގެ ދަށުން އެހީތެރިކަން ފޯރުކޮށްދޭނީ ސަލަފް ޖަމިއްޔާއާއި ހެޔޮ އެދޭ ފަރާތްތަކާއި ގުޅިގެން ކަމަށާއި، ދާއިމީ ގޮތެއްގައި މި ޕްރޮގްރާމް ކުރިއަށް ގެންދިއުށް ރާވަމުންދާ ކަމަށްވެސް ޝައިހް އަބްދުﷲ ވިދާޅުވި އެވެ.
ޕޮއިންޓު ލިބޭ އުސޫލުން ކުރިއަށްގެންދާ މިޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފޯމް މިހާރު ޖަމިއްޔަތުލް ސަލަފުގެ ވެބްސައިޓްގައި އާންމުކޮށްފައިވާއިރު މި ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ އަންނަ މަހުގެ 10 ވަނަ ދުވަހެވެ.
އެހީއަށް އެދި ހުށަހަޅާ ފަރާތްތަކުން އީމެއިލް ކޮށްގެންނާއި އިސްކަންދަރު ސުކޫލް ކުރިމަތީގައި ހުންނަ ސަލަފްގެ އޮފީހަށް ފޯމު ހުށަހަޅައިގެން ވެސް އެހީއަށް އެދެވޭނެ ކަމަށް ސަލަފުން ބުނެ އެވެ.
ރަމަޟާން މަހަކީ ހެޔޮކަމުގެ މައްސަރު ކަމުގައިވެފައި، މުދަލުން ޞަދަގާތްކޮށް، ނިކަމެތިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެދޭ އެތައް ބަޔަކު މުޖުތަމައުގައި ތިބިކަން ފާހަގަކޮށް ސަލަފުން ބުނީ މި ޕްރޮގްރާމަކީ "ސަނާބިލް"ގެ ނަމުގައި މި ރަމަޟާން މަހު ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ.