(08 މެއި 2017 އާ ގުޅޭ)

"އެ މީހުންވެސް ރަނގަޅު ކަންކަން ކުރޭ. އެކަންކަމަށް ކާފަމެން އެއްބާރުލުން ދޭންޖެހޭނެ. އެހެން ނޫންނަމަ އެއްވެސް ކަމެއް ރަނގަޅަކަށް ކުރިއަކަށް ނުދާނެ" އަހަރެނަށް ދެއްކިފައިވާ ވާހަކަތަކުގައި މަތިޖެހުމަށް އިތުރު ވާހަކައެއް ބުނަމުން އަހަރެން ހިނގައިގަތީ ކޮޓަރިއަށެވެ.

ހަވީރުގެ ފިނި ޖެހުމާއެކު އަހަރެން ގެއިން ނުކުތީ ސްކޫލަށް ދިއުމަށެވެ. އޭރު ރަށުގެ ހަރު މީހުންނާއި ދުވަސްވީ މީހުން ސްކޫލާ ދިމާއަށް ދެއެވެ. ބައެއް މީހުން ސައިކަލުގައެވެ. އަނެއް ބަޔަކު ކާރުގައެވެ. އަހަރެން ދިޔައީ ހިނގާފައެވެ. އަހަރެންގެ ކޮންމެ ފިޔަވަޅަކުން ކުރަމުން ދިޔައީ ޝަކުވާއެވެ. މަގުގައި އަތުރާފައިވާ ކޮންމެ ގާގަނޑަކުން ކުރަނީ މަލާމާތެވެ. މަލާމަތް ނުކުރަންވީ ސަބަބެއް ވެސް ނެތެވެ. އެ މަގުތަކުގައި ގާއެތުރުމާ ދެކޮޅަށް އެންމެ ބޮޑަށް ވަކާލާތުކުރި އެކަކީ އަހަރެންނެވެ. ރަށުގެ ހިތްގައިމުކަން ގެއްލިދާނެތީ އެންމެ ބޮޑަށް އަޑު އުފުލީ އަހަރެންނެވެ. އެ ދުވަހު އަހަރެން އުފުލި އަޑު އެއްވެސް އެއްޗަކަށް ނުވިއެވެ. މިއަދު ހިނގަން މި ޖެހުނީ ގާއަތުރާފައިވާ އެ މަގުތަކުންނެވެ.

ސްކޫލުގެ ގޯތިތެރޭގައި ހުރި ބޮޑު ގަހުގެ ހިޔަލުގައި އަތުރާފައިވާ ގޮނޑިތަކުގެ ފަހަތުބަރީގައި އަހަރެން ގޮސް އިށީނީމެވެ. އަދި ދެން ތިބީ ކޮން ބައެއްތޯ ވެސް ބަލައިލީމެވެ. ދެވަނަ ފަހަރަށް އަހަރެންގެ ނަޒަރު ހިނގާލީ އަހަރެންނާ ބައިވެރިވެލާނެ މީހަކު އިންތޯއެވެ.

ބައްދަލުވުން ފެށުނެވެ. އަހަރެމެންނަށް މަރުހަބާކީ ޒުވާނުންގެ ޖަމިއްޔާގެ ރައީސެވެ. އޭނާގެ ވާހަކަ ވެސް ވަރަށް ފުރިހަމައެވެ. މުޅިންވެސް ކުރީ ތަޢުރީފެވެ. ދެއްކީ ރަށުގެ ތަރައްގީގެ ވާހަކައެވެ. އެ ތަރައްގީގެ ގެނެސްދިނީ އޭނާގެ ޕާޓީންކަމާއި އެކަމަށް ޝުކުރުވެރިވާން ޖެހޭކަމަށް ވެސް ބުންޏެވެ. ތެދެކެވެ. އެ ތަރައްގީ ލިބިއްޖެއެވެ. އެކަން ގަބޫލު ވެސް ކުރެވެއެވެ. ނުކުރެވިގެން މި އުޅެނީ އެއީ ތަރައްގީ ކަމެވެ. އެއީ ކުރިއެރުން ކަމެވެ. ކުރިއެރުމަކީ ހިތްހަމަޖެހުމާ ގުޅިފައިވާ ކަމެކެވެ. އުފަލާއި އަރާމާ ވެސް ގުޅިފައިވާ ކަމެކެވެ. އަމިއްލަ ގޮތާއި ފޮތާވެސް ގުޅިފައިވާ ކަމެކެވެ. ހިތުގެ މި އުދާސްތައް ހިފަހައްޓައިގެން އަހަރެންނަށް އިނދެވެނީއެއް ނޫނެވެ. އެނޫން ގޮތެއް ނެތްކަން ޔަގީންކުރެވޭތީ ހަމަ އިންނަނީ އެވެ.

ދެން ވާހަކަދެއްކީ ރަށު ކައިންސިލްގެ ރައީސެވެ. އެ ފޮނި ވާހަކަފުޅުގައި ވެސް އޮތީ ތަޢުރީފެވެ. ހުޝާމަދުކުރުމެވެ. އެ ވާހަކަފުޅަށް ފަހު ރައްޔިތުންގެ ޚިޔާލު ފާޅުކުރުމުގެ ފުރުޞަތު ހުޅުވާލިއެވެ.

"ކޮބާ އެއްވެސް ޚިޔާލެއް ފާޅުކުރަން ބޭނުންވާ ނަމަ އިޝާރާތް ކޮށްލުމުން މައިކު ލިބޭނެ" އެ ހުޅުވާލި ފުރުޞަތުގެ ބޭނުން ހިފާކަށް އަހަރެން ބޭނުމެއް ނުވިއެވެ. އަހަރެން ހަމަ އިނީއެވެ. އެހެން މީހުން ދައްކާނެ ވާހަކަތަކުގެ އިންތިޒާރުގައެވެ.

"މިއީތަ ހަމައެކަނި ގެނައި ކަމަކީ؟ އިތުރު އާ ކަމެއް ނެތްތަ؟ އާ ޕްރޮޖެކްޓެއް ނުފަށާތަ؟" ސުވާލުކުރީ ޒުވާނެކެވެ.

"ނޫނޭ. އާ ޚަބަރެއް ނުދެވެންޏާ މިފަދަ ބައްދަލުވުމެއްގެ ބޭނުމެއް ވެސް ނޯންނާނެ ތާ؟. ހަގީގަތުގައި ރައްޔިތުންނަށް ދޭން މިއުޅެނީ ވަރަށް އުފާވެރި ޚަބަރެއް. އަމިއްލަ ރަށަށް އިތުރު ކުރިއެރުންތަކެއް އަންނާނެ ޕްރިޖެކްޓެއް އަނެއްކާވެސް މިވަނީ ފަހިވެފައި. ރަށުގެ އިރުމަތި ފަރާތުގެ ގެސްޓްހައުސްތަކެއް ހުޅުވާ އެފަރާތް ފަތުރުވެރީންނަށް ޚާއްޞަކުރުމުގެ ހުރިހާ ކަމެއް މިވަނީ ހަމަޖެހިފައި. ވަރަށް އަވަހަށް މަސައްކަތްވެސް ފެށޭނެ" ކައުންސިލްގެ ރައީސް ހިނިތުންވުމާއެކު ވާހަކަދެއްކެވިއެވެ.

އިވުނު ޚަބަރުން އަހަރެންނަށް ހީވީ މޫނުމަތީގައި މީހަކު އެތިފަރެއް އަޅައި ވިހެލިހެންނެވެ. އަހަރެންނަށް އިނދެވުނީ އަނގަ ހުޅުވިއެވެ. އެއީ ރައްޔިތުން ހިތްހަމަ ޖައްސާލުމަށްދާ ހަމައެކަނި ފަރާތެވެ. ހިތްފަހި ކޮށްލުމަށް މަޑުކޮށްލާން އޮތް ހަމައެކަނި ފަރާތެވެ. އެހެން ހުރިހާ ފަރާތެއް އެވަނީ ބަންދުވެފައެވެ. އެފަރާތަށް ވެސް ރައްޔިތުންނަށް ދިއުން މަނާވީއެވެ. ކުޑަކުދީންނަށް ދެވޭގޮތް ނުވީއެވެ. ގެސްޓުން ހިތްހަމަ ޖެއަސުމަށް ޚާއްޞަ ކޮށްލީއެވެ.

"ބަލަ އޭރުން އަހަރެމެން ފިނިކޮށްލާނެ ޖޯލިފައްޗެއްހާ ހިސާބުވެސް ނުހުންނާދޯ؟ މޫދަށް އެރިލާނެ ފަރާތެއް ވެސް ނޯންނާނެ ދޯ؟" އަހަރެންނާ މާދުރުގައި އިން ހަސަންބެ ކޮޅަށް ތެދުވެ ހުރެ ސުވާލުކުރަން ފެށިއެވެ.

"ހަސަންބޭ ބުނަން މި ޒަމާނުގައި ހުރިހާ ވެސް އެއްޗަކީ ފައިސާ. ރަށަށް އާމްދަނީ ވަންނާނެ ގޮތްތައް އިތުރުނުވެ ރަށް ތަރައްގީއެއް ނުވާނެ. ރަށަށް ކުރިއެރުމެއް ނުލިބޭނެ. ދެން އޮތީ ފިނުކުރުމުގެ ވާހަކަ. މިހާރު ކޮންމެ ގެއަކުހެން އޭސީ ހުންނާނެ" ކައުންސިލުގެ ރައީސް ވާހާކަދެއްކީ ފިސާރި ހިނިތުންވެހުރެއެވެ. އެ ވާހަކައަށް ބާރު ހިނގަނޑަކުން ޖަވާބުދިން މީހުންވެސް އެތަނުގައި ތިއްބެވެ.

"އެކަމަކު މިހާރު ތިގޮތަށް ނުދީ މި ރަށުގައި އެ އޮތީ ބަނދަރު ފަރާތް އެކަނި. އެ ފަރާތުގައި އަތިރިމައްޗެއް ނެތީމަ ނުދެވި އޮތީކަންނޭނގެ. އަހަރެމެން މޫދަށް އެރިލަން ވެސް ދެން ދާންޖެހޭނީ ބަނދަރު ފަރާތަށް. ކިހައި ދެރަކަމެއްތީ. ކަލޭމެން އަހަރެމެންނަކަށް ނުވިސްނަން ދޯ؟" ހަސަންބެ އަނެއްކާ ވެސް ޝަކުވާކުރިއެވެ.

"ނޫނޭ ހަސަންބޭ. ތިހެން ނުވިސްނާ. މި ވިސްނަނީ ރަށުގެ މުސްތަގުބަލަށް. މުޅި ރަށުގެ ކުރިމަގަށް. ހަސަންބެމެން އުފާކޮށްދޭން ޕާކުތަކާއި ތަންތަން މި ހަދަނީނު" ކައުންސިލުގެ ރައީސް އިތުރަށް އޮޅުންފިލުވައި ދެއްވިއެވެ. އެވާހަކަތައް އަޑުއަހަން އިން އަހަރެންގެ ލޭ ކެކެންފެށިއެވެ. ހަށިގަނޑު ހޫނުވާން ފެށިއެވެ.

އަހަރެންނަކަށް ނުއިނދެވުނެވެ. ކޮޅަށް ތެދުވެވުނެވެ.

(ނުނިމޭ)