ސަހަރާތަކަކީ އާދަޔާ ހިލާފަށް ހޫނު ތަންތަނެވެ. އަދި ހިކިފަސް، ފެން ނެތް ބިންތަކެކެވެ. ސަހަރާއެއްގައި ދަނޑުގޮވާންކުރުމަކީ ދަތި އުނދަގޫ ކަމެކެވެ.

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއޭ)ގެ އަލްއައިންގެ ބޮޑު ސަރަހައްދެއް އެއީ މިފަދަ ހަނަފަސް ސަހަރާ އެކެވެ. އެތަނުގައި ދަނޑުގޮވާން ކުރުމަކީ ކިތަންމެ ދަތި އުނދަގޫކަމެއް ނަމަވެސް، ޓެކްނޮލޮޖީގެ އާ ހޯދުމެއްގެ އަލީގައި، ހަނަފަސް ސަހަރާތަކުގައިވެސް ދަނޑުގޮވާން ކުރުމަކީ މިހާރު އުނދަގޫ ކަމެއް ނޫނެވެ. ޓެކްނޮލޮޖީގެ އަލީގައި މިކަމަށްވެސް މިވަނީ ހައްލެއް ހޯދާފަ އެވެ.

ފައިސަލް މުހައްމަދު އަލްޝިމާރީއަކީ ޔޫއޭއީގެ އަލްއައިންގައި ދަނޑުގޮވާންކުރާ މީހެކެވެ. އެތަނުގެ ފިނިހޫނުމިން އާންމު ގޮތެއްގައި ހުންނަނީ 50 ޑިގްރީ ސެލްސިއެސްގަ އެވެ.

"މިއީ ދަނޑުގޮވާންކުރުމަށް އެންމެ އުނދަގޫ އެއް ބިން. އަދި މިތަނުގައި ދަނޑުގޮވާން ކުރުމަކީ ވަރަށް ހަރަދު ބޮޑު ކަމެއް. އެންމެ ބޮޑު ހަރަދެއް ހިނގަނީ ގަސްތަކަށް ދޭނެ ފެން ގަތުމަށް،" އަލްޝިމާރީ ބުންޏެވެ.

މި ތަނުގައި އުޅޭ ދަނޑުވެރިން، ގަސްތަކަށް ފެންދިނުމަށް ބޮޑެތި ޓޭންކަރުތަކުގައި ފެން ގެންދަން ޖެހެ އެވެ. އަދި މި ބިމުގައި ހޫނުގަދަކަމުގެ ސަބަބުން އާންމުކޮށް އެހެން ހިސާބުތަކުގައި ދަނޑުގޮވާން ކުރުމަށް ބޭނުންވާ ފެނަށްވުރެ ތިން ގުނަ އިތުރަށް ފެން ބޭނުންވެ އެވެ. އަދި ޔޫއޭއީގައި ދަނޑުގޮވާންކުރުމަކީ ދަތިކަމަކަށްވާތީ އެ ގައުމަށް ބޭނުންވާ ތަރުކާރީއާއި މޭވާގެ 80 އިންސައްތައަކީ އެހެން ގައުމުތަކުން އެތެރެކުރާ އެއްޗެއްސެވެ.

ނަމަވެސް މިއީ މިހާރު ހައްލެއް ހޯދާފައިވާ ކަމެކެވެ. ނޯވީޖިޔާގެ ސައިންޓިސްޓެއް ކަމަށްވާ ކްރިސްޓިއަން މޯޓްން އޮލެސަން ވަނީ މިކަން ހައްލުކުރާނެ ގޮތް ސައިންސްގެ އަލީގައި ހޯދާ ފައެވެ. މިއީ ހޫނުގަދަ ހަނަފަސް ސަހަރާތައް، ފެހި ދަނޑުބިންތަކަކަށް ބަދަލުކޮށްލުމުގެ ކުޅަދާނަކަން ލިބިފައިވާ ޓެކްނޮލޮޖީ އެކެވެ. މިކަމަށް އޭނާ ހޯދާފައިވާ ހައްލަށް ދީފައިވާ ނަމަކީ ލިކުއިޑް ނެނޯ ކްލޭ ނުވަތަ އެލްއެންސީ އެވެ.

އެލްއެންސީއަކީ ފެނާއި ކްލޭ ނުވަތަ ކިސަޑު ބޭނުންކޮށްގެން އުފައްދާފައިވާ އެއްޗެކެވެ. އެލްއެންސީ ސަހަރާގެ ފަހާއި އެއްކުރުމުން ފަސްގަނޑުގައި ފެން ހަރުލާ މިންވަރު އިތުރުކޮށްދެ އެވެ. އަދި އެއާއި ގުޅިގެން، ސަހަރާގެ ފަސްގަނޑުގައި ދަނޑުގޮވާން ކުރުމާއި ގަސް ހެއްދުމަށް ފަސޭހަ ވެގެންދެ އެވެ.

"މިއީ އެއްވެސް ކެމިކަލްއެއް ބޭނުންކޮށްގެން އުފައްދާފައިވާ އެއްޗެއް ނޫން. އަދި ހަނަފަސް ސަހަރާއެއްގައިވާ ދަނޑެއްގެ ބިން ގަސް ހައްދަން ފަސޭހަ ތަނަކަށް ބަދަލުކޮށްލަން ބޭނުންވަނީ އެންމެ ހަތް ގަޑިއިރުގެ މަސައްކަތް،" އޮލެސަން ކިޔައިދިނެވެ.

އެލްއެންސީ ބޭނުންކޮށްގެން ޔޫއޭއީގައިވާ ފައިސަލްގެ ދަނޑުބިންތަކުގައި މިހާރު ވަނީ ޓެސްޓުތައް ހަދަން ފަށާފަ އެވެ. އަދި މި ޓެސްޓުތަކުގެ ނަތީޖާ ވަރަށް ކާމިޔާބެވެ.

"އެލްއެންސީ ބޭނުންކުރުމުން ދަނޑު ހެއްދުމަށް ވަރަށް ފަސޭހަވެއްޖެ. އަދި ފެނަށް ކުރާ ހަރަދުވެސް މިވަނީ ދެބައިކުޅަ އެއްބަޔަށް ކުޑަ ކުރެވިފައި. މާނައަކީ ކުރީން ބޭނުން ކުރަމުންދިޔަ މިންވަރަށް ފެން ބޭނުންކޮށްގެން އަހަރެންނަށް އެއްފަހަރާ ދެ ދަނޑަށް ފެން ދެވެޔޭ،" ފައިސަލް ކިޔައިދިނެވެ.

ނަމަވެސް އެލްއެންސީ ޓްރީޓްމަންޓް ހެދުމަކީ އަދި ވަރަށް ހަރަދު ބޮޑު މަޝްރޫއެކެވެ. ސަހަރާއެއްގައިވާ އެއް ހެކްޓަރުގެ ބިން ޓްރީޓްކުރުމަށް 1800 އާއި 8500 އެމެރިކާ ޑޮލަރާއި ދެމެދުގެ ހަރަދެއް ހިނގަ އެވެ.

އޮލެސަންގެ ކުންފުނި ކަމަށްވާ ޑެސަޓް ކޮންޓްރޯލް އިން ބުނީ މި ހިދުމަތް އެންމެ ފުރަތަމަ ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ގައުމުތަކުގެ ސަރުކާރުތަކަށް ކަމަށެވެ. އަދި އެއަށްފަހު އާންމު ދަނޑުވެރިންނަށް އަގުހެޔޮ ގޮތަކަށް ހިދުމަތް ފޯރުކޮށްދޭނެ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެ އެވެ.