ވީމީޑިއާގެ ރޭޑިއޯ ޗެނަލް ވީއެފްއެމްއިން މި ރަމަޟާން މަހުވެސް އެހުންތެރިން ޝައުގުވެރިވާނެ ފަދަ ރީތި ޕްރޮގްރާމްތަކެއް ގެނެސްދޭނެ އެވެ.

އެގޮތުން ފާހަގަކޮށްލެވޭ ހާއްސަ އެއް ޕްރޮގްރާމަކީ އެހުންތެރިންނަށް ބައިވެރިވެވޭ ގޮތަށް ކުރިޔަށް ގެންދާ "ރަށުތެރެއިން" ނެވެ. މި ޕްރޮގްރާމަކީ މާލެ އާއި ހުޅުމާލެ އަދި ވިލިމާލެއިން ވީއެފްއެމްގެ ޕްރެޒެންޓަރުންނަށް ދައުވަތުދޭ ގޭގެއަށް، އެ ޕްރެޒެންޓަރުން ގޮސްގެން ހުށަހަޅައިދޭ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ގެނެސްދޭނީ ރޭގަނޑު 10 ކުން 12 އަށެވެ. ނިއުއެޑިޝަނުން ހުށަހަޅާ ހާއްސަ އިނާމެއް ބައިވެރިއަކަށް ލިބޭ ގޮތަށް ކަނޑައެޅިފައިވާ މި ޕްރޮގްރާމު ގެނެސްދޭނީ ކޮންމެ ހަފްތާއަކު އެއް ރެއެވެ.

ވީއެފްއެމްގެ މަގްބޫލު ޕްރެޒެންޓަރ އައިޝަތު އިބްރާހިމް (އައިޝް) ހުށަހަޅައިދޭ "އަކުން ބަކުން" ޕްރޮގްރާމަކީވެސް އެހުންތެރިންނަށް ވަރަށް ހާއްސަ ޕްރޮގްރާމެކެވެ. ގޭމް ޝޯ އެއްގޮތަށް ކުރިޔަށް ގެންދާ މި ޕްރޮގްރާމަކީވެސް ބައިވެރިވާ ފަރާތްތަކަށް ހާއްސަ އިނާމުތަކެއް ކަނޑައެޅިފައިވާ ޕްރޮގްރާމެކެވެ.

އަމަތުﷲ އަހުމަދު (އަމަތު) އަދި ފާތިމަތު ރިފްޝާން ގެނެސްދޭ "ދިވެހި ރަހަ" ޕްރޮގްރާމަކީ ހަމައެކަނި ރާއްޖޭގެ ރަހަތަކަށް ހާއްސަ ކެއްކުންތައް ގެނެސްދޭ ޕްރޮގްރާމެކެވެ. ދިވެހި ކެއުންތައް ތައްޔާރުކުރާ ގޮތް ގެނެސްދޭ މި ޕްރޮގްރާމުގެ ޒަރިއްޔާއިން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ހާއްސަ ދިވެހި ކެއުންތައް ތައްޔާރުކުރާނެ ގޮތް އެހުންތެރިންނާއި ހިއްސާ ކުރާނެއެވެ.

ހުރިހާ ރަހަތަކެއް ހިމެނޭ ގޮތަށް ގެނެސްދޭ "މަންދޭރަ" ޕްރޮގްރާމަކީ ރޯދަމަހަށް ބޭނުންވާ ތަފާތު އެކި މައުލޫމާތާއި، ދީނީ ނަސޭހަތާއި، އިބްރަތްތެރި ވާހަކަތަކާއި، ބާޒާރުގެ އަގުތައް އަދި ކާއެއްޗެއް ތައްޔާރު ކުރާނެ ގޮތް ހިމަނައިގެން ގެނެސްދޭ ވެރައިޓީ ޝޯ އެކެވެ.

ވީއެފްއެމްގެ ގިނަ ޕްރޮގްރާމްތަކަކުން އެހުންތެރިންގެ ލޯބި ހޯދާފައިވާ ޝިޒުހަތު ނައީމް (ޝިޒޫ) ގެނެސްދޭ "ކޫލް ޕްރެޒެންޓަރސް" ޕްރޮގްރާމަކީވެސް އެހުންތެރިން ޝައުގުވެރިވާ ފަދަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަކީ ރާއްޖޭގެ މަޝްހޫރު ޕްރެޒެންޓަރުން ބައިވެރިކޮށްގެން ތަފާތު ގޭމްތަކެއް ކުޅޭ ގޮތަށް ތައްޔާރުކޮށްފައިވާ ޕްރޮގްރާމެކެވެ. ހަފްތާއަކު އެއް ޕްރޮގްރާމް ގެނެސްދޭ ގޮތަށް ހަމަޖެހިފައިވާ "ކޫލް ޕްރެޒެންޓަރސް" ގެ ހަތަރު ޕްރޮގްރާމް މި ރަމަޟާން މަހު އެހުންތެރިންނާއި ހަމައަށް ގެނެސްދޭނެއެވެ.