ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ދަރިކަލުން އަދި ވިލާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ސިޔާދު ގާސިމްގެ މައްޗަށް ކުރާ ރިޝްވަތު ދިނުމުގެ ދައުވާއަށް އޭނާ އިންކާރު ކުރައްވައިފިއެވެ.
މިމައްސަލާގައި މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ ޝަރީއަތުގެ މަޖިލީހުގައި ސިޔާދުގެ މައްޗަށް ދައުލަތުން ކުރާ ދައުވާ އިއްވުމުން ސިޔާދު ވަނީ އެ ދައުވާއަށް އިންކާރު ކުރައްވާފައެވެ.
ސިޔާދުގެ ގާނޫނީ ވަކީލް ހިސާން ހުސައިން ވިދާޅުވީ، ދައުލަތުން ހެކީގެ ގޮތުގައި ސިއްރު ދެ ލިޔުމެއް ހުށައެޅި ކަމަށާއި އަދި އެ ސިއްރު ލިޔުންތަކަކީ ކިތައް ސޮފްހާގެ މައްޗަށް އެކުލެވޭ ލިޔުންތަކެއްކަން ހާމަ ކޮށްދެއްވުމަށް ދައުލަތުގައި އެދުމުން ދައުލަތުން އެކަމަށް އުޒުރުވެރިވި ކަމަށެވެ.
އެހެން ނަމަވެސް ދައުލަތުން ފަހުން އެތަނުން އެއްލިޔުމުގެ ސޮފްހާ އަދަދަ ބަޔާން ކުރި ކަމަށެވެ.
އެއްލިޔުމުގެ ސޮފްހާ އަދަދު ހާމަ ކުރުމަށް ދައުލަތުން އިންކާރު ކުރުމުން ހެކީގެ ގޮތުގައި ދައުލަތުން ހުށަހަޅާފައި އެވާ ސިއްރު ލިޔުމަކީ ކޯޓަށް ހުށަހަޅާފައިވާ ލިޔުމެއް ނޫންކަން ހާމަވިމަށް ހިސާން ވިދާޅުވިއެވެ.
އަދި އެ ލިޔުން ތަކަކީ ދައުލަތުން ހޯދަން އުޅޭ ލިޔުންތަކެއް ކަމާއި އަދިމިހާތަނަށް ލިބިފައިނެތް ލިޔުން ތަކެއްކަންވެސް އެނގިގެންހިނގައްޖެ ކަމަށް ހިސާން ވިދާޅުވިއެވެ.
ސިޔާދުގެ މައްޗަށް ކުރާ ރިޝްވަތު ދިނުމުގެ ދައުވާގެ އެންމެ އަސާސީ ކަންތައްކަމުގައިވާ ރިޝްވަތު ދިންކަން ސާބިތު ކޮށްދޭ ލިޔުން ދައުލަތުން ހުށަހެޅި ލިޔުންތަކުގައި ވާނެ ކަމަށް ދައުލަތުން ބުނާ ކަމަށް ހިސާން ވިދާޅުވެވެ.
އެހެން ނަމަވެސް އެލިޔުން ދައުލަތުން ހުއެލިޔުން ދައުލަތުން ހޯދަން މަސައްކަތް ކުރާ ކަމަށް ލިޔުމެއް ކަން އިނގިގެން ހިނގައްޖެ ކަމަށް ހިސާން ވިދާޅުވިއެވެ.
ސިޔާދުގެ ގާނޫނީ ޓީމުގައި ހިމެނި ވަޑައިގަންނަވާ ނޫރުއްސަލާމް ވިދާޅުވީ ގާނޫނު އަސާސީގެ 49 ވަނަ މާޢްދާގައި ބުނާ ސަބަބެއް ނެތި އެއްވެސް މީހަކު ބަންދުގައި ނުބެހެއްޓޭނެ ކަމަށް ކޯޓުގައި ފާހަގަ ކުރެއްވި ކަމަށެވެ.
އަދި މިމައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވިދާނެ ކަމާ މެދު އަދި ގޮތެއް ނުނިންމާ ކަމަށް ނޫރުއްސަލާމް ވިދާޅުވިއެވެ.
ޝަރީއަތައް ހުށަހެޅިފައި ހުރި ހެކިތަކަށް ބަލާއިރު ދައުލަތުން މިހާރު ހޯދަމުންދާ ލިޔުންތައް ލިބުނު އިރަކުން ނޫނީ މަދަނީ މިންގަނޑުންވެސް ކުރިއަށް ގެންދެވެން ނެތް މައްސަލައަކަށް މިމައްސަލަ ވާއިރު މިމައްސަލާގައި ސިޔާދު ހައްޔަރު ކޮށްފައި ބަހައްޓަންޖެހޭ އެއްވެސް ސަބަބެއް އޮތްކަމަށް ނުފެންނާތީއާއި މައްސަލާގައި ހުރީ ސިއްރު ހެކިތަކަކަށް ވާއިރު ހެއްކަށް ނުފޫޒެއް ފޯރަފާނެ ކަމެއް ސިޔާދު އަށް ނުކުރެއްވޭނެތީ ސިޔާދު ބަންދުން ދޫކޮށްލުމަށް ކޯޓުގައި އެދިވަޑައިގެންނެވި ކަމަށްވެސް ނޫރުއްސަލާމް ވިދާޅުވިއެވެ.
ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ސިޔާދު ހައްޔަރުކުރީ ފެބުރުއަރީ މަހުގެ ހަތްވަނަ ދުވަހުއެވެ. އޭގެ ފަހުން ސިޔާދުގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާ އުފުލުމަށްފަހު މާޗު މަހުގެ 21 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ޝަރީއަތް ނިމެންދެން ސިޔާދު ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިއެވެ.
ދުވަހަކުވެސް ސިޔާސީ ކަމެއްގައި ބައިވެރިވެވަޑައިގެންފައިނުވާ އިބްރާހީމް ސިޔާދު ގާސިމް ހައްޔަރުކުރީ ސިޔާދުގެ ބައްޕަ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ހައްޔަރުކުރެވޭނެ އެއްވެސް ގޮތެއް ސަރުކާރަށް ނުފެނުމުން އެކަމުގެ ބަދަލުހިފުމެއްގެ ގޮތުގައި ކަމަށް އާންމު ރައްޔިތުންނާއި އިދިކޮޅު ސިޔާސީ ޕާޓީތަކުން ގެންދަނީ ބުނަމުންނެވެ.