ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން އަށް ފާޑު ކިޔާ މަޝްހޫރު ނޫސްވެރިއެއް ކަމަށްވާ އާކަޑީ ބަބްޗެންކޯ ޔޫކްރެއިންގައި މަރާލައިފި އެވެ.

ރަޝިއާގެ ނޫސްވެރިޔާ ބަބަޗެންކޯ ގަޔަށް ބަޑި ޖަހާ މަރާލާފައިވަނީ ޔޫކްރެއިންގެ ވެރިރަށް ކިއެވްގަ އެވެ.

ޔޫކްރެއިންގެ ފުލުހުން ބުނީ ބަބަޗެންކޯ މަރުވީ އޭނާއަށް ލިބިފައިވާ ޒަމަހްތަކަށް ފަރުވާ ހޯދުމަށް ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީ ކަމަށެވެ. އަދި އޭނާ ޒަހަމްވެފައި ވަނިކޮށް ފެނުނީ އޭނާ ދިރިއުޅޭ އެޕާޓްމަންޓުން ކަމަށާއި، އެމްބިއުލާންސަށް ގުޅީ އޭނާގެ އަންހެނުން ކަަމަށްވެސް ފުލުހުން ބުނެ އެވެ.

އުމުރުން 41 އަހަރުގެ ބަބަޗެންކޯގެ ބުރަކަށީގެ ވަރަށް ގިނަ ތަންތަނަށް ވަޒަން އަރާފައިވެ އެވެ. އޭނާގެ މަރުގެ ތަހްގީގު ކުރިއަށް ގެންދާ ފުލުހުން ވިދާޅުވީ ޝައްކު ކުރެވޭ ގޮތުގައި ބަބަޗެންކޯގެ މަރު ގުޅިފައިވަނީ އޭނާގެ މަސައްކަތުގެ ދާއިރާ އަށެވެ.

ޔޫކްރެއިންގެ ފުލުހުންގެ އިސް ވެރިޔާ ވިދާޅުވީ ބަބަޗެންކޯ މަރާލީ އޭނާ ކުރަމުން ގެންދިޔަ ނޫސްވެރިކަމުގެ ދާއިރާއާއި ގުޅުން ހުރި މަސައްކަތެއްގެ ސަބަބުން ކަމަށް ބެލެވޭ ކަމަށެވެ.

ބަބަޗެންކޯ އަކީ ރަޝިއާގެ ނޫސްވެރިންގެ ތެރެއިން ހަނގުރާމަތައް ރިޕޯޓް ކުރުމުގައި އެންމެ ކުޅަދާނަ ނޫސްވެރިޔާ އެވެ.

އޭނާ ރަޝިއާ ދޫކޮށް ޔޫކްރެއިން އަށް ބަދަލުވީ 2017 ވަނަ އަހަރު އެވެ. ގައުމު ދޫކޮށް ދާން ޖެހުނީ އޭނާއަށް ލިބެމުންދިޔަ އިންޒާރުތަކާއި ގުޅިގެން ޖަލަށް ލާފާނެ ކަމުގެ ބިރު އޮތުމުން ކަމަށް ބަބަޗެންކޯ ބުނެފައިވެ އެވެ.

ނޫސްވެރިއަކަށް ވުމުގެ ކުރިން 1990 ގެ އަހަރުތަކުގައި ބަބަޗެންކޯ ވަނީ ރަޝިއާ އަސްކަރިއްޔާގައިވެސް މަސައްކަތް ކޮށްފަ އެވެ. އޭގެ ފަހުން ރަޝިއާގެ އެކި މީޑިއާ ތަކުގައި މިލިޓަރީ ކޮރަސްޕޯންޑެންޓެއްގެ ގޮތުގައިވެސް މަސައްކަތް ކޮށްފަ އެވެ.

ޔޫކްރެއިންއަށް ބަދަލުވުމަށްފަހު ބަބަޗެންކޯ މަސައްކަތް ކުރަމުން އައީ ޓާޓާ ޓީވީ ސްޓޭޝަންގެ ޕްރެޒެންޓަރެއްގެ ގޮތުގަ އެވެ.

ބަބަޗެންކޯގެ މަރަށްފަހު ރަޝިއާގެ އޮފިޝަލުންނާއި ސިޔާސީ ފަރާތްތަކުން އަންނަނީ ނޫސްވެރިން ހިމާޔަތް ކޮށްދިނުމުގައި ޔޫކްރެއިން ފެއިލްވެފައިވާ ކަމަށް ބުނެ އެގައުމަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

ބަބަޗެންކޯގެ މަރާ ގުޅިގެން ރަޝިއާ ސަރުކާރުން ވަނީ އެއަމަލު ކުށްވެރިކުރާ ކަމަށް ބުނެފަ އެވެ.

ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ ބަބަޗެންކޯގެ މަރުގެ ތަހްގީގަކީ ނަމެއްގައި ހިންގާ ތަހްގީގަކަށް ނުހަދާ އޭނާ މަރާލީ ކާކުގެ އަމުރަކަށް ކަން ހޯދާ ހަގީގީ ތަހްގީގެއް ޔޫކްރެއިންގައި ކުރިއަށް ގެންދާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ. އަދި ޔޫކްރެއިން އަކީ ނުސްވެރިންނަށް ވަރަށް ނުރައްކާތެރި ތަނަކަށް ވެއްޖެ ކަމަށްވެސް ރަޝިއާ ސަރުކާރުން ބުނެ އެވެ.