އުތުރު ކޮރެއާގެ ޖާސޫސީ އިދާރާގެ ކުރީގެ ވެރިޔާ ޖެނެރަލް ކިމް ޔޮންގ ޗޮލް އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕޭއޯ އާއި ބައްދަލު ކުރައްވައިފި އެވެ.

މި ދެބޭފުޅުން މަޝްވަރާ ކުރެއްވީ އުތުރު ކޮރެއާގެ ނިއުކުލިއާ ޕްރޮގްރާމް ހުއްޓާލުމާއި ގުޅޭގޮތުންނާއި، އަންނަ މަހު ސިންގަޕޫރުގައި ބާއްވަން ހަމަޖެހިފައިވާ ސަމިޓާއި ގުޅޭ ގޮތުންނެވެ.

ނިއު ޔޯކްގައި މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގެ ކުރިން ޕޮމްޕޭއޯ ވަނީ ޖެނެރަލް ކިމް އާއި އެކު ރޭ މެންހަޓަންގައި ރޭގަނޑުގެ ފަރިއްކޮޅެއްގައި ބައިވެރިވެވަޑައިގެންފައެވެ. 90 މިނިޓަށް ދިގުދެމިގެން ދިޔަ މި ފަރިއްކޮޅުގެ ތެރޭގައި ދެކެވުނު ވާހަތައް މީޑީއާއަށް ހާމައެއް ނުކުރެއެވެ.

އުތުރު ކޮރެއާއިން އެމެރިކާއާއި ހަމައަށް ފޯރާވަރުގެ ނިއުކުލިއާ މިސައިލްތައް އެގައުމުގައި ހުރިކަމަށް އުތުރު ކޮރެއާއިން ބުނެފައިވާއިރު އެމެރިކާއިން އަންނަނީ އުތުރު ކޮރެއާގެ ހުރިހާ ނިއުކުލިއާ ހަތިޔާރެއް ނައްތާލުމަށް އެގައުމަށް ބާރު އަޅަމުންނެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އުތުރު ކޮރެއާގެ ލޑީަރު ކިމް ޖޮން އުންގެ ތާރީހީ ސަމިޓް ބޭއްވުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 12 ގައި ސިންގަޕޫރުގައެވެ. ނިއުކުލިއާ ހަތިޔާރުތައް ނައްތާލުމަށް އެމެރިކާއިން އުތުރު ކޮރެއާއަށް ބާރުއަޅަމުން ގެންދާތީ މި ސަމިޓް ކެންސަލް ކުރަން ޖެހިދާނެ ކަމުގެ އިންޒާރު އުތުރު ކޮރެއާއިން ދިނުމާއި ގުޅިގެން ޓްރަމްޕް ވަނީ ސަމިޓް ކެންސަލް ކުރެއްވިކަން އިއޔުލާނު ކުރައްވާފައެވެ.

އެހެންނަމަވެސް ފަހުން އުތުރު ކޮރެއާއިން އެކަމާއި ކަންބޮޑުވުން ފާޅުކުރުމާއި ގުޅިގެން އެމެރިކާ އާއި އުތުރު ކޮރެއާގެ އޮފިޝަލުންވެސް ވަނީ ސަމިޓް ކުރިޔަށް ގެންދެވޭނެ ކަމުގެ ޔަގީންކަން އެއްގައުމު އަނެއް ގައުމަށް ދީފައެވެ.

ޖެނެރަލް ކިމް އެމެރިކާއަށް ކުރައްވާ މި ދަތުރުފުޅުގެ ބޭނުމަކީވެސް ސަމިޓަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތަކާއި ގުޅޭ މަޝްވަރާތައް ކުރެއްވުމަށެވެ.

ދެބޭފުޅުންގެ އިތުރު މަޝްވަރާތައް މިއަދަށް ރޭވިފައިވާއިރު ޖެނެރަލް ކިމް އަކީ ފާއިތުވި 20 އަހަރުތެރޭގައި އެމެރިކާއަށް ވަޑައިގެންނެވި އުތުރު ކޮރެއާގެ އެންމެ އިސް އޮފިޝަލެވެ.

ޕޮމްޕޭއޯ ވިދާޅުވީ ޖެނެރަލް ކިމް އާއި އެކު ބާއްވާ މަޝްވަރާތަކަށްފަހު ކިމް ޖޮން އުން އާއި ޑޮނަލްޑް ޓްރަމްޕްގެ މަޝްވަރާ ބައްދަލުވުން ކާމިޔާބު ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި ނިއުކްލިއާ ނައްތާލުމަށް އެމެރިކާއިން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށެވެ.

ޖެނެރަލް ކިމް އެމެރިކާގެ ހާރިޖީ ވަޒީރާއި މިއަދު ބައްދަލު ކުރައްވާފައިވާއިރު އުތުރު ކޮރެއާގެ އެހެން އޮފިޝަލުންވެސް އަންނަނީ އެމެރިކާ އާއި ރަޝިއާގެ އޮފިޝަލުންނާއި ބައްދަލުކުރައްވަމުންނެވެ.

އެގޮތުން މިއަދަށް ރޭވިފައިވާ ބައްދަލުވުންތަކުގެ ތެރޭގައި އުތުރު ކޮރެއާގެ ހާރިޖީ ވަޒީރުގެ ނައިބު ޗޮއެ ސަން ހުއި އެމެރިކާގެ ކުރީގެ އެމްބެސެޑަރު ސަން ކިމް އާއި ބައްދަލުކުރެއްވުން ހިމެނެއެވެ. މި ދެބޭފުޅުން ބައްދަލު ކުރައްވާނީ ދެކޮރެއާ ގުޅޭ ބޯޑަރު ސަރަހައްދުގައެވެ.

މީގެ އިތުރުން ޖެނެރަލް ކިމްގެ ދަރިކަލުންހުންނެވީ ސިންގަޕޫރުގައެވެ. އޭނާ ބައްދަލު ކުރައްވަން ހަމަޖެހިފައިވަނީ އެމެރިކާގެ އިސް އޮފިޝަލުންގެ ޓީމަކާއެކެވެ. މިއީ ޖޫން 14 ގައި ބާއްވާ ސަމިޓްގެ ލޮޖިސްޓިކް ކަންތައްތައް ހަމަޖެއްސެވުމާއި ގުޅޭ މަޝްވަރާތަކަށް ބާއްވާ ބައްދަލުވުމެކެވެ.

ޖެނެރަލް ކިމްގެ ދަރިކަލުން ކިން ޗަންގ ސޮން އަކީ އުތުރު ކޮރެއާާގެ ލީޑަރު ކިމްގެ ޗީފް އޮފް ސްޓާފް އެވެ.

މީގެ އިތުރުން ރަޝިއާގެ ހާރިޖީ ވަޒީރު ހުންނެވީ އުތުރު ކޮރެއާގެ އޮފިޝަލުންނާއި އެކު ނިއުކުލިއާ ޕްރޮގްރާމާއި ގުޅޭ މަޝްވަރާތަކެއް ކުރެއްވުމަށް އުތުރު ކޮރެއާގައެވެ.