އުތުރު ކޮރެއާއަށް ވަޑައިގެން އުޅުއްވާ ރަޝިއާގެ ހާރިޖީ ވަޒީރު ސަރްގެއި ލަވްރޯފް އާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން ބައްދަލު ކުރައްވައިފިއެވެ.

ކިމް ޖޮން އުން އާއި ލަވްރޯވް ބައްދަލުކުރެއްވިކަން ރަޝިއާގެ ހާރިޖީ ވުޒާރާއިން އާންމުކޮށްފައިވާއިރު ލަވްރޯފް ވަނީ ރަޝިއާ އަށް ވަޑައިގެންނެވުމަށް ކިމް ޖޮން އުން އަށް ދައުވަތު ދެއްވާފައެވެ.

ލަވްރޯފް ވިދާޅުވީ ރަޝިއާއަށް ވަޑައިގެންނެވުމަށް ކިމް އަށް ދައުވަތު ދެއްވާ ކަމަށާއި، ކިމް ރަޝިއާއަށް ވަޑައިގެންނެވުމަކީ އެގައުމަށް ލިބޭނެ އުފަލެއް ކަމަށެވެ.

ރަޝިއާގެ ހާރިޖީ ވުޒާރާއިން ބުނީ ކިމް އާާއި ލަވްރޯފް މިއަދު ބައްދަލުކުރެއްވީ ކޮރެއާ ސަރަހައްދުން ނިއުކުލިއާގެ އަސަރު ފޮހެލުމާއި މެދު އުތުރު ކޮރެއާއިން ދެކޭގޮތާއި ދެ ކޮރެއާގެ ދެމެދުގައި ސުލްހަ ގާއިމުވެފައި އޮތުމާއި ގުޅޭ ގޮތުންނެވެ.

ލަވްރޯފް އުތުރު ކޮރެއާއަށް ވަޑައިގެންނެވީ އެގައުމުގެ އިސް އޮފިޝަލުންނާ ބައްދަލު ކުރެއްވުމަށެވެ. އެހެންނަމަވެސް މި ދަތުރުފުޅުގައި ކިމް ޖޮން އުން އާއި ބައްދަލުކުރައްވާނެ ކަމެއް ކުރިން މީޑިއާއަށް އަންގާފައެއް ނުވެއެވެ.

ކައިރި މުސްތަގްބަލެއްގައި ކިމް ރަޝިއާއަށް ވަޑައިގެން މޮސްކޯގައި ރަޝިއާގެ އިސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށް ރަޝިއާގެ މީޑިއާތަކުން ލަފާކުރެއެވެ.