މެލޭޝިއާގައި ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާޤުގެ ސަރުކާރުން އުފައްދާފައިވާ ވަންއެމްޑީބީ ފަންޑުން އެތައް ބިލިއަން ޑޮލަރެއް ގެއްލިފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގަށް އެއްބާރުލުން ދިނުމަށް ސިންގަޕޫރު ފުލުހުންގެ ޓީމެއް މެލޭޝިއާގައި ހަރަކާތްތެރިވާން ފަށައިފި އެވެ.

ސިންގަޕޫރު ފުލުހުން ބުނީ މިއަދު އެގައުމުގެ ފުލުހުންގެ ޓީމެއް މެލޭޝިއާގެ ފުލުހުންނާއި އެކު ވަންއެމްޑީބީ ހިޔާނާތުގެ މައްސަލައިގެ ތަހްގީގު އަވަސްކުރުމަށް މެލޭޝިއާގެ އާ ސަރުކާރުން މަސައްކަތް ފަށާފައިވާ ކަމަށާއި، ތަހުގީގަށް އެޙީތެރިވެދިނުމަށް ސިންގަޕޫރުގެ ފުލުހުންގެ ޓީމަކުން ކުއަލަލަމްޕޫރުގައި ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.

މެލޭޝިއާގެ ފުލުހުންގެ އެދުމަކަށް ސިންގަޕޫރުގެ ފުލުހުންގެ ޓީމެއް ވަންއެމްޑީބީގެ ހިޔާނާތުގެ ތަހްގީގުގައި ބައިވެރިވެފައިވާއިރު އެ ފަންޑުން 4.5 ބިލިއަން އެމެރިކާ ޑޮލަރު ގެއްލިފައިވާ ކަމަށް ތުހުމަތު ކުރެވެއެވެ.

އެ ފަންޑުން 4.5 ބިލިއަން އެމެރިކާ ޑޮލަރު ގެއްލިފައިވާ މައްސަލަ ހަ ގައުމަކުން އަންނަނީ ތަހްގީގު ކުރަމުންނެވެ. އޭގެ ތެރޭގައި އެމެރިކާ އާއި ސްވިޒަލޭންޑްވެސް ހިމެނެއެވެ. އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަންސް (އެފްބީއައި) އިން ވެސް އަންނަނީ މި މައްސަލަ ތަހްގީގު ކުރަމުންނެވެ.

މި މައްސަލައިގައި ސުވާލުކުރެއްވުމަށް މެލޭޝިއާގެ އެންޓި ކޮރަޕްޝަންސް ކޮމިޝަނަށް ނަޖީބު ހާޒިރު ކުރުން 10.6 މިލިއަން ޑޮލަރު އޭނާގެ އެކައުންޓަށް ޓްރާންސްފާސް ކުރުމާއި ގުޅޭ ގޮތުން އެނގޭ މައުލޫމާތު ނަޖީބު ވަނީ އެ ކޮމިޝަނާއި ހިއްސާ ކުރައްވާފައެވެ.

މެލޭޝިއާގެ ފިނޭސްސް މިނިސްޓަރ މިދިޔަ ހަފްތާގައި ވިދާޅުވެފައިވަނީ ނަޖީބުގެ ސަރުކާރުން މަރުކަޒީ ބޭންކާއިއެކު ޑީލްތައް ހައްދަވާ ސޮވެރީން ވެލްތް ފަންޑް، ހަޒާނާއިން ފައިސާ ނަގައިގެން ވަންއެމްޑީބީ ފަންޑަށް ކުރިމަތިވި ކަންތައްގަނޑުން އަރައިގަތުމަށް މަސައްކަތްޕުޅު ކުރައްވާފައިވާ ކަމަށެވެ.

މެލޭޝީއާގެ ފުލުހުން ބުނީ ހިޔާނާތުގެ މައްސަލައާއި ގުޅޭ ތަންތަން ބަލާ ފާސްކުރުމުގެ ތެރޭގައި ނަޖީބުގެ ގެއާއި އޭނާގެ ފިރިހެން ދަރިކަލުންގެ އެޕާޓްމެންޓަކުން 29 މިލިއަން އެމެރިކާ ޑޮލަރަށްވާ ވަރަށް ފައިސާ އާއި 400އަށް ވުރެ ގިނަ އަގު ބޮޑު ދަބަސްތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

ސަރުކާރުގެ ތަރައްޤީގެ ފަންޑަށް ހިޔާނާތްތެރިވި ކަމަށް ނަޖީބުގެ މައްޗަށް ކޮށްފައިވާ ތުހުމަތުތައް ނަޖީބު ވަނީ ދޮގު ކުރައްވާފައެވެ.

ވަންއެމްޑީބީގެ ޓްރާންސެކްޝަންތައް ހެދުމުގައި މަނީ ލޯންޑްރިންއާ ދެކޮޅު ފިޔަވަޅުތައް އަޅާފައި ނުވާތީ ސިންގަޕޫރު ސަރުކާރުން ވަނީ އެގައުމުގެ އެތައް ބޭންކަކާއި ބޭންކް އޮފިޝަލުންނަކާ ދެކޮޅަށް ފިޔަވަޅު އަޅާފައެވެ. އެގޮތުން ބީއެސްއައި ބޭންކާއި ފެލްކަން ބޭންކްގެ ބައެއް ޔުނިޓްތައް ވަނީ ބަންދުކޮށްފައެވެ.