ޔޫކްރެއިންގައި ބަޑި ޖަހާ މަރާލި ރަޝިއާގެ ނޫސްވެރިޔާ އާރްކަޑީ ބަބްޗެންކޯ މަރާލި ކަމަށް ބުނެ ދޮގު ހަބަރު ފެތުރީ އޭނާ މަރާލަން ރާވަމުންދިޔަ ބަޔަކު ހޯދުމަށް ކަމަށް ފުލުހުން ބުނެފި އެވެ.

ޔޫކްރެއިންގެ ފުލުހުން ބުނީ ބަބްޗެންކޯ މަރާލަން މަސައްކަތް ކުރީ ރަޝިއާއިން ފޮނުވި ބަޔަކު ކަމަށާއި، އޭގެ ތެރެއިން އެކަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ބަބްޗެންކޯ މަރުވި ކަމަށް ފުރަތަމަ ބުނީ އޭނާގެ އަންހެނުންނެވެ. އޭނާ ބުނި ގޮތުގައި ބަބްޗެންކޯގެ ބުރަކައްޓަށް ބަޑި ޖަހާފައި އޮއްވާ ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ދޮރު ކައިރިން ކަމަށާއި، އެމްބިއުލާންސަށް ގުޅީވެސް އޭނާގެ އަންހެނުން ކަމަށް އިއްޔެ ޔޫކްރެއިންގެ ފުލުހުން ބުނެފައިވެ އެވެ. އަދި ބަބްޗެންކޯ މަރުވީ ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި ކަމަށް ބުނެ އިއްޔެ ބޮޑެތި މީޑިއާތަކަށް ފުލުހުން ވަނީ ދޮގު މައުލޫމާތު ދީފަ އެވެ.

މި ހަބަރު ފެތުރުނުތާ 24 ގަޑިއިރުވެސް ނުވަނީ ބަބްޗެންކޯ ވަނީ ޔޫކްރެއިންގެ ފުލުހުންނާއި ސިފައިންނާއި އެކު ނޫސްވެރިންގެ ބައްދަލުވުމެއްގައި ބައިވެރިވެ އޭނާގެ މަރާ ގުޅޭ "ފޭކް ހަބަރު"ގެ ތަފްސީލު އާންމުކޮށްފަ އެވެ.

އޭނާ ބުނީ އެއީ ފުލުހުން ހިންގި ސްޓިން އޮފްރޭޝަނެއްގެ ބައެއް ކަމަށާއި، އޭނާއަށް މަރުގެ އިންޒާރުތައް ލިބެމުންދާތީ އޭނާއަށް ރައްކާތެރިކަން ހޯދައިދިނުމުގެ ގޮތުން ޔޫކްރެއިންގެ ފުލުހުން ހިންގި އެ އޮޕަރޭޝަނުގައި އޭނާ ބައިވެރިވީ ފުރާނަ ސަލާމަތް ކުރުމަށް ކަމަށެވެ. އެކަން އޭނާގެ އަންހެނުންނާ ދަރިންނަށްވެސް އެނގޭނެ ކަމަށް ބުނެ އޭނާ މަރުވި ކަމަށް ހީކޮށް ހިތާމަކުރި މީހުންގެ ކިބައިން ބަބްޗެންކޯ ވަނީ މައާފަށްވެސް އެދިފަ އެވެ.

ކިއެވްގައި ޔޫކްރެއިންގެ ސިފައިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބަބްޗެންކޯ ބުނީ އޭނާގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި އެފަދަ އޮޕަރޭޝަނެއްގައި ބައިވެރިވުން ނޫން ގޮތެއް ނެތް ކަމަށެވެ. އަދި އެފަދަ އޮފަރޭޝަނެއް ހިންގައިގެންވެސް އޭނާގެ ފުރާނަ ސަލާމަތް ކޮށްދިނީތީ ޔޫކްރެއިންގެ ސިފައިންނަށް ބަބްޗެންކޯ ޝުކުރު އަދާކުރި އެވެ.

ބަބްޗެންކޯގެ މަރުގެ ފަހަތުގައި ވަނީ ރަޝިއާ ކަމަށް ތުހުމަތުކޮށް ހަބަރުފަތުރާ ވަސީލަތްތަކާއި މި ދޮގު ހަބަރު ހިއްސާކުރީ ޔޫކްރެއިންގެ ފުލުހުންނެވެ.

މި ހަބަރާއެކު ރަޝިއާ ސަރުކާރުން ވަނީ ޔޫކްރެއިންއަށް ފާޑުކިއުންތައް ރައްދުކޮށް އެގައުމަކީ ނޫސްވެރިން ހިމާޔަތް ކޮށްދިނުމުގައި ފެއިލްވެފައިވާ ގައުމެއް ކަމަށް ބުނެފަ އެވެ. އަދި ޔޫކްރެއިން އަކީ ނޫސްވެރިންނަށް ވަރަށް ނުރައްކާތެރި ތަނަކަށް ވެއްޖެ ކަމަށްވެސް ރަޝިއާ ސަރުކާރުން އިއްޔެ ބުންޏެވެ.

ބަބްޗެންކޯ އަކީ ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިންއަށް ފާޅުގައި ފާޑު ކިޔާ ސަރުކާރާއި އިދިކޮޅު ނޫސްވެރިއެކެވެ. އޭނާ ޖަލަށް ލާފާނެ ކަމުގެ އިންޒާރުތަކެއް ލިބެން ފެށުމާއި ގުޅިގެން ރަޝިއާ ދޫކޮށް ޔޫކްރެއިން އަށް ދިރިއުޅުން ބަދަލު ކުރީ 2017 ވަނަ އަހަރު އެވެ. ބްބްޗެންކޯ އަކީ ހަނގުރާމަތައް ރިޕޯޓް ކުރުމުގެ ތަޖްރިބާ ހުރި އެވޯޑް ހޯދާފައިވާ ދުވަސްވީ ނުސްވެރިއެކެވެ.

ބަބްޗެންކޯ ރަޝިއާ ދޫކޮށް ދާން ޖެހުނީ 92 މީހުންނާ އެކު ދަތުރު ކުރަމުންދިޔަ ރަޝިއާ އަސްކަރިއްޔާގެ މަތިންދާ ބޯޓާ ބެހޭ ގޮތުން އޭނާ ފޭސްބުކުގައި ލިޔުނު ޕޯސްޓަކާއި ގުޅިގެން ލިބެމުންދިޔަ އިންޒާރުތަކާއި ގުޅިގެންނެވެ.

ނޫސްވެރިކަމުގެ ދާއިރާއަށް ވަނުމުގެ ކުރިން 2000 ވަނަ އަހަރާ ހަމައަށް ބަބްޗެންކޯ މަސައްކަތް ކުރީ ރަޝިއާގެ އަސްކަރިއްޔާގަ އެވެ.