އަލީ ބަނާތު އޭ ބުނުމުން ގިނަ ބަޔަކަށް އެއީ ކާކުކަން ނޭނގިދާނެއެވެ. އަލީއަކީ އޮސްޓްރޭލިއާގެ ސިޑްނީއަށް ނިސްބަތްވާ މުސްލިމް ޒުވާނެކެވެ. އުމުރުން 32 އަހަރުގެ އަލީ ދިރިއުޅެމުން އައީ އެންމެ އަގު ބޮޑު ބްރޭންޑްތަކުގެ ހެދުންތަކާއި ކާރުތަކާއި އެކު މުއްސަނދި ދިރިއުޅެމެވެ.

އެހެންނަމަވެސް މޭމަހުގެ 19 ވަނަ ދުވަހު އޭނާ މަރުވީ އޭނާގެ މިލްކިއްޔާތު އެއްކޮށް ހަދިޔާ ކުރުމަށް ފަހުއެވެ. ފަގީރުންނަށް އޭނާގެ މުދާތައް ބަހާލީއެވެ. އޭނާގެ މުއްސަނދި ދިރިއުޅުން ބަދަލުވީ މީގެ ތިން އަހަރު ކުރިން އޭނާއަށް ކެންސަރު ޖެހުނުކަން އެނގި އެ ބައްޔަށް ފަރުވާ ކުރަން ފެށުމާއެކު އެވެ.

އޭރު އަލީ ބުނީ ދެން އޭނާ ދިރިހުންނާނެ ކަމަށް ބެލެވެނީ އެންމެ ހަތްމަސްދުވަހު ކަމަށާއި އޭނާގެ މުދާތަކަކީ އޭނާއަށް އެއްވެސް އަގެއް ހުރި އެއްޗެއް ނޫން ކަމަށެވެ. އަދި ކެންސަރު ބައްޔަކީ އޭނާއަށް ލިބުނު ނިއުމަތެއް ކަމަށާއި އެއީ އޭނާގެ މުޅި ހަޔާތް ބަދަލުކޮށްލައި ދިރިއުޅުން އިސްލާހު ކުރުމަށް ލިބުނު ރަނުގެ ފުރުސަތެއް ކަމަށެވެ.

އެހެން މީހުން ބަލީގެ ވޭނުގައި ހިތާމައިގައި ނިމިދާއިރު އަލީ މަރުވީ އެއްވެސް ހިތާމައެއް ނެތި އުފަލުންނެވެ. ހަޔާތުގެ އެންމެ ފަހު ތިން އަހަރު ހޭދަކުރީ ދުނިޔެވީ އެދުންތަކާއި މުދާވެރިކަން ދޫކޮށްލާ ފަގީރުންނަށް އެހީވުމުގައެވެ.

އަލީއަކީ އޮސްޓްރޭލިއާގެ ކާމިޔާބު ވިޔަފާރިވެރިއެކެވެ. ފަސޭހަ ދިރިއުޅުމެއް އުޅެމުން އައިއިރު އަލީ ގެންދިޔައީ އަގު ބޮޑު ސްޕޯޓްސް ކާރުތަކާއި އަތުގައި އަޅާ ގަޑިއާއި އަވި އައިނާއި އެކި ޑިޒައިންތަކުގެ ތޮފި އެއްކުރަމުންނެވެ.

މަރުވުމުގެ ކުރިން އަލީ ދީފައިވާ އިންޓަވިއުއަކާއި އޭނާގެ މުދާތަކާއި އޭނާ ދިރިއުޅުނު ކޮޓަރީގައިވާ އަގުބޮޑެތި ސާމާނުތަކެއް ދައްކާލާ ވީޑިއޯއެއް ފާއިތުވި ތިން ދުވަހު ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.

އެ ވީޑިއޯގައި އަލީ ވަނީ އޭނާގެ ކޮޓަރީގެ އަތުރާލާފައިވާ އަގުބޮޑު ބްރޭންޑެޑް ބޫޓޫތަކާއި، އަތުގައި އަޅާ ކެވެލިތަކާއި، 600،000 އެމެރިކާ ޑޮލަރުގެ އަގުބޮޑު ފެރާރީ ކާރުތައްވެސް ދައްކާލާފައެވެ.