ސްޕެއިންގެ ބޮޑުވަޒީރު މަރިއާނޯ ރަޖޯއީގެ މައްޗަށް އިތުބާރުނެތްކަމުގެ ވޯޓެއް ނަގާ މަގާމުން ދުރުކޮށްފިއެވެ.

އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި މިއަދު ނެގި އިތުބާރުނެތްކަމުގެ ވޯޓުން ރަޖޯއީގެ މަގާމު ގެއްލުވާލާފައިވާއިރު ދެން ބޮޑުވަޒީރުކަމާއި ހަވާލުވެވަޑައިގަންނަވާނީ ސޯޝަލިސްޓް ލީޑަރު ޕެޑްރޯ ސަންޗޭޒް އެވެ.

ސަންޗޭޒް ވިދާޅުވި މިއަދު ގާނޫނު ހަދާ މަޖިލީހުގައި ނެގި ވޯޓަށްފަހު ސްޕެއިންގެ ޑިމޮކްރެސީގައި ތާރީޚީ އާ ސަފްހާއެއް ހުޅުވިގެންދާނެ ކަމަށެވެ.

ރަޖޯއީ އަކީ ސްޕެއިންގެ ފަހުގެ ތާރީޚުގައި ގާނޫނު ހަދާ މަޖިލީހުން އިތުބާރުނެތް ކަމަށް ފާސްކޮށް މަގާމުން ދުރުކުރި ފުރަތަމަ ބޮޑުވަޒީރެވެ. ކޮންޒަވޭޓިވް ޕީޕަލްސް ޕާޓީގެ ލީޑަރު ރަޖޯއީ ސްޕެއިންގެ ބޮޑުވަޒީރުކަމުގެ މަގާމާއި ހަވާލުވެވަޑައިގެންނެވީ 2011 ވަނަ އަހަރެވެ.

ސްޕެއިންގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގައި ނެގި ވޯޓުން ރަޖޯއީގެ އިތުބާރުނެތް ކަމަށް ފާސްކޮށްފައިވާއިރު އޮފީސް ދޫކުރައްވާ ވަޑައިގަންނަވަމުން ރަޖޯއީ ވިދާޅުވީ އެމަނިކުފާނު ދެކެވަޑައިގެންނެވި ސްޕެއިން އަށްވުރެ ރަނގަޅު ގައުމަކަށް ހެއްދެވުމަށް މަގުފަހިކުރެއްވުމަށް މަގާމު ދޫކޮށްލެވުމަކީ ލިބިވަޑައިގެންނެވި ފަޚުރެއް ކަމަށެވެ.

ރަޖޯއީގެ ޕާޓީގެ ބައިވެރިވުމާއެކު ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ ޚިޔާނާތުގެ މައްސަލައަކާއި ގުޅިގެން އިތުބާރުނެތްކަމުގެ މައްސަލަ ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅުއްވީ އެގައުމުގެ ސޯޝަލިސްޓް ލީޑަރު ޕެޑްރޯ ސަންޗޭޒް އެވެ.

ސަންޗޭޒް މި ވޯޓު ކާމިޔާބު ކުރެއްވީ 180 މެންބަރުންގެ ވޯޓު ހޯއްދަވައިގެންނެވެ. ރަޖޯއީ އަށް އިތުބާރު އޮތް ކަމަށް ވޯޓު ދެއްވީ 169 މެންބަރުންނެވެ.

އުމުރުން 63 އަހަރުގެ ރަޖޯއީގެ ޕާޓީގެ ބައިވެރިވުން ހިމެނޭ ކަމަށް ތުހުމަތު ކުރެވޭ ޚިޔާނާތުގެ މައްސަލައިގައި ޒިންމާނެންގެވުމުން ރަޖޯއީ ފެއިލްވެވަޑައިގެންފައިވާ ކަމަށް ސަންޗޭޒް ވިދާޅުވިއެވެ.