އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން އާއި އެކު މިމަހުގެ 12 ގައި ބާއްވަން ހަމަޖެހިފައިވާ ބައްދަލުވުން ސިންގަޕޫރުގައި އެދުވަހު ބާއްވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޓް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

އެމެރިކާ އާއި އުތުރު ކޮރެއާއިން ބާއްވަން މަސައްކަތް ކުރަމުންދާ ބައްދަލުވުން ކެންސަލް ކުރެއްވިކަން އިއުލާނު ކުރެއްވުމަށްފަހު ބައްދަލުވުން އޮންނާނެ ކަމަށް ޓްރަމްޕް އިއުލާނު ކުރެއްވީ އެމެރިކާއަށް ވަޑައިގެން އުޅުއްވާ އުތުރުކޮރެއާގެ އޮފިޝަލް ޖެނެރަލް ކިމް ޔޮންގ ޗޮލް އާއި ބައްދަލުކުރެއްވުމަށްފަހު އެވެ.

ވައިޓްހައުސް ގައި ޖެނެރަލް ކިމް އާއި ބައްދަލުކުރައްވާ ޖޫން 12 ގެ ސަމިޓާއި ގުޅޭ ގޮތުން ވާހަކަފުޅުދެއްކެވުމަށް ފަހު އެމެރިކާ އާއި އުތުރު ކޮރެއާގެ ތާރީހީ ބައްދަލުވުން ކުރިޔަށްދާނެ ކަމުގެ ޔަގީންކަން ޓްރަމްޕް ދެއްވީ ކިމް ޖޮން އުންގެ ފަރާތްފުޅުން ލިބިލެއްވި ސިޓީފުޅަކާއި ހަވާލުވެވަޑައިގެންނެވުމަށް ފަހު އެވެ.

މި ސިޓީފުޅު ޓްރަމްޕް އާއި ހަވާލުކޮށްދެއްވީ ޖެނެރަލް ކިމް އެވެ. އާދައިގެ ސައިޒަށްވުރެ ބޮޑު ސިޓީ އުރައެއްގައިވާ މި ސިޓީފުޅު ލިބިވަޑައިގެންނެވުމުން ޓްރަމްޕް ވިދާޅުވީ މިއީ ވަރަށް ޝައުގުވެރި ސިޓީ އެއް ކަމަށާއި، އެހެންނަމަވެސް އަދި ސިޓީ އުރަ ކަނޑުއްވާފައި ނުވާ ކަމަށެވެ.

ޓްރަމްޕް ވިދާޅުވީ މިމަހު ސިންގަޕޫރުގައި ބާއްވާ މަޝްވަރާ ބައްދަލުވުމުގައި ކޮރެއަން ހަނގުރާމަ ރަސްމީކޮށް ނިންމުމާއި ގުޅޭ ގޮތުންވެސް މަޝްވަރާ ކުރައްވާނެ ކަމަށެވެ. 1950 އިން 1953 އަށް ދިގުދެމިގެން ދިޔަ ކޮރެއާ ހަނގުރާމަ ނިމުނީ ރަސްމީކޮށް ސުލްހައިގެ އެއްބަސްވުމެއްގައި ސޮއި ކުރުމެއް ނެތި އެވެ.

ޖެނެރަލް ކިމް އާއި އެކު ބޭއްވެވި ބައްދަލުވުން ވަރަށް ކާމިޔާބު ކަމަށާއި، އުތުރު ކޮރެއާގެ މީހުން ވަރަށް ރަނގަޅަށް ދަސްވެއްޖެ ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕް ވިދާޅުވީ ސިންގަޕޫރު ބައްދަލުވުމުން އުތުރު ކޮރެއާގެ ނިއުކުލިއާ ޕްރޮގްރާމް އާއި ގުޅޭ ގޮތުން ފައިނަލް އެއްބަސްވުމަކަށް ނާދެވިދާނެ ކަމަށެވެ.

ނިއުކުލިއާ ޕްރޮގްރާމް ހުއްޓާލުމާއި ގުޅޭ ވާހަކަތައްވެސް ދެ ލީޑަރުންގެ މަޝްވަރާގެ މޭޒަށް ހުށަހެޅޭނެ ކަމަށް ބެލެވޭއިރު މީގެ ކުރިން އުތުރު ކޮރެއާއިން ބުނެފައިވަނީ އެގައުމުން ނިއުކުލިއާ ހަތިޔާރު ނައްތާލުމަށް އެމެރިކާއިން ބާރު އަޅާނަމަ ސަމިޓް ކެންސަލް ކުރަން ޖެހިދާނެ ކަމަށެވެ.

ސިންގަޕޫރުގައި ޓްރަމްޕް އާއި ކިމް ބައްދަލުކުރައްވައިފިނަމަ މި ތާރީހީ ބައްދަލުވުން ވެގެންދާނީ އެ ދެ ގައުމުގެ ލީޑަރުން ބައްދަލު ކުރައްވާ ފުރަތަމަ ފަހަރަށެވެ. އުތުރު ކޮރެއާއިން ނިއުކުލިއާ ހަތިޔާރުތައް ނައްތާލައިފިނަމަ އެގައުމުގެ އިގްތިސާދު ކުރިއެރުވުމަށް އެހީތެރިވެދެއްވާނެ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

ކިމް ޖޮން އުން ވިދާޅުވީ ވަރަށް ސާބިތު ކަމާއި އެކު ނިއުކުލިއާ ނައްތާލުމަށް މަސައްކަތް ކުރިޔަށް ގެންދާނެ ކަމަށެވެ.