ވިހެއުމަށްފަހު ތުއްތު ދަރިފުޅު މަރާލާ ޓޯކިޔޯގެ ކެފޭއެއްގައި ހުރި ލޮކަރެއްގެ ތެރޭގައި ތުއްތު ކުއްޖާގެ ހަށިގަނޑު ފޮރުވި ޖަޕާނު އަންހެނަކު ހައްޔަރު ކޮށްފި އެވެ.

އެގައުމުގެ ފުލުހުން ބުނީ އެ އަންހެން މީހާ ހައްޔަރު ކުރީ މިއަދު ކަމަށެވެ. އަދި ފުލުހުންނަށް ތުއްތު ކުއްޖާގެ ހަށިގަނޑުގެ ފެނުނު އިރު އޮތީ ކުނިވެފައި ކަމަށާއި، އެކުއްޖާ މަރާލާފައި ވަނީ ނޭވާ ހާސްކޮށްލައިގެން ކަމަށްވެ އެވެ.

ފުލުހުންނަށް މި ރިޕޯޓް ލިބުނީ ކުނިވަހެއް ދުވާތީ ލިބުނު ރިޕޯތަކާއި ގުޅިގެން ކަމަށް ފުލުހުން ބުނެ އެވެ. ތުއްތު ކުއްޖާގެ މަންމަ އަކީ 25 އަހަރުގެ މާއޯ ޓޯގާވާ ނަމަކަށް ކިޔާ މީހެއް ކަމަށާއި، އޭނާ ހައްޔަރު ކުރީ އަމިއްލައަށް ވިހެއުމަށްފަހު ދަރިފުޅުގެ މަރާލި ކަމަށް ތުހުމަތު ކުރެވޭތީ ކަމަށް ޓޯކިޔޯގެ މެޓްރޮޕޮލިޓަން ޕޮލިސް ޑިޕާޓްމެންޓުން ބުނެއެވެ.

ޖަޕާނުގެ މީޑިއާތަކުން ބުނީ މާއޯ އޭނާގެ ދަރިފުޅު މަރާލި ކަމަށް އެއްބަސްވެފައިވާ ކަމަށެވެ. އަދި އޭނާގެ މައްޗަށް މީހަކު މަރާލުމުގެ ދައުވާ ކުރާނެ ކަމަށެވެ. ތަހްގީގުގައި މާއޯ ބުނެފައިވަނީ އޭނާ އެ ދަރިފުޅު ވިހީ ރާބުއިމާއި، ވާހަކަފޮތް ކިއުމަށް މީހުން ގޮސް އުޅޭ ކެފޭއެއްގައި މިއަހަރުގެ ޖެނުއަރީ މަހު ކަމަށެވެ.

ވިހެއުމަށްފަހު ދަރިފުޅު ރޯން ފެށުމުން ވަގުތުން އެ ތުއްތު ކުއްޖާ މަރާލި ކަމަށާއި، މަރާލުމަށްފަހު ހަށިގަނޑު ފޮރުވަން ލީ ދަބަހެއްގެ ތެރެއަށް ކަމަށް މާއޯ ތްހްގީގަށް ކިޔައިދީފައިވެއެވެ. އަދި އެ ދަބަސް ފޮރުވީ ކެފޭގައި ހުންނަ ބެގެޖް ލޮކަރެއްގެ ތެރޭގައި ކަމަށްވެސް އޭނާ ވަނީ އިއުތިރާފު ވެފައެވެ.

ފުލުހުން މާއޯ އާއި ސުވާލު ކުރީ ސީސީޓީވީ ފޫޓެޖުން މާއޯ އެ ކެފޭގެ ލޮކަރުގެ ތެރެއަށް ފައިސާ އަޅާ މަންޒަރު ފެނިގެންނެވެ.