ދުނިޔޭގެ އެންމެ ބޮޑު ދެ އިގްތިސާދު އޮންނަ އެމެރިކާއާއި ޗައިނާގެ މެދުގައި ހިނގާފާނެ ވިޔަފާރީގެ ހަނގުރާމައަކުން ސަލާމަތްވުމަށް ޗައިނާ އާއިއެކު މަޝްވަރާ ކުރުމަށް އެމެރިކާގެ ކޮމާސް ސެކްރެޓަރީ ވިލްބާ ރޮސް ޗައިނާއަށް ވަޑައިގެންފިއެވެ.

އެމެރިކާއަށް އެތެރެކުރާ ދަގަނޑާއި އެލްމިނިއަމުން ޓެކްސް ނަގަން ނިންމާފައިވާތީ ވިޔަފާރީގެ ހަނގުރާމައެއް ފެށިދާނެ ކަމަށް ބައިނަލްއަގްވާމީ ވިޔަފާރިތަކުން އިންޒާރުދީފައިވާ މިދަނޑިވަޅުގައި ރޮސް ޗައިނާއަށް ވަޑައިގެންނެވީ އެމެރިކާ އާއި ޗައިނާ އާއި ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ހައްލު ކުރެއްވުމަށެވެ.

ރޮސް ޗައިނާގެ އޮފިޝަލުންނާ މަޝްވަރާ ކުރެއްވުމަށް ބެއިޖިންގައި ހުންނެވި ކަމަށް ޗައިނާގެ މީޑިއާ ތަކުގައިވެސް ވަނީ ރިޕޯޓް ކޮށްފައެވެ. އެމެރިކާއިން ވަނީ ޗައިނާގެ ވިޔަފާރިތަކާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާނެ ކަމަށްވެސް ބުނެފައެވެ.

ޗައިނާއަކީ އެމެރިކާއަށް ކޮންމެ އަހަރަކުވެސް އެތައް ބިލިއަން ޑޮލަރެއްގެ މުދާ އެކްސްޕޯޓްކުރާ ގައުމެކެވެ. ޗައިނާގެ ވިޔަފާރިތައް ހިމެނޭ ގޮތަށް އެމެރިކާއަށް އެތެރެކުރާ ދަގަނޑާއި އެލްމިނިއަމުން 25 އިންސައްތައިގެ ޓެކްސް ނެގުމަށް ނިންމުމާއި ގުޅިގެން އޭގެ ބަދަލު ހިފާނެކަމަށް ބުނެ ޗައިނާއިންވަނީ އެމެރިކާއަށް އިންޒާރުވެސް ދީފައެވެ.

އެމެރިކާ ސަރުކާރުން ބުނީ ވިޔަފާރި އާއިގުޅޭ ދާއިރާގެ މަޝްވަރާތަކަށް ޗައިނާއަށް ވަޑައިގެން އުޅުއްވާ ރޮސް އާދިއްތަ ދުވަހަކާ ހަމައަށް އެގައުމުގައި މަޑުކުރައްވާނެ ކަމަށެވެ.

ރޮސް ޗައިނާއަށް ވަޑައިގެންނެވި މިދަނޑިވަޅަކީ އެމެރިކާއިން އަލަށް ތައާރަފްކޮށްފަިއވާ ޓެކްސްތަކާއި ގުޅިގެން ޔޫރަޕިއަން ޔޫނިއަން އާއި ކެނެޑާއި، މެކްސިކޯ އިންވެސް ކަންބޮޑުވުން ފާޅުކޮށްފައިވާ ދަނޑިވަޅެކެވެ.

އެމެރިކާއިން އަލަށް ތައާރަފްކުރި ޓެކްސްތައް މިދިޔަ ހުކުރު ދުވަހުން ފެށިގެން އެގައުމަށް އެތެރެކުރާ ދަގަނޑާއި، އެލްމިނިއަމުން ނަގާނެ ކަމަށް އެމެރިކާއިން ބުނެއެވެ.

ޗައިނާ އާއި ދެކޮޅަށް ވިޔަފާރީގެ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާނެކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެންމެ ފުރަތަމަ އިއުލާނު ކުރެއްވީ މާޗްމަހު އެވެ.

ޗައިނާއިން އެމެރިކާއަށް އެތެރެކުރާ ބާވާތްތަކުން ނަގާ ޓެކްސްތައް އިއުލާނު ކުރާނީ ޖޫން 15 ގައެވެ. އަދި ޗައިނާގެ ވިޔަފާރީތަކާއި އެކްސްޕޯޓަށް އެމެރިކާއިން އަޅާނެ ދަތިކުރުމުގެ ފިޔަވަޅުތައް އިއުލާނު ކުރާނީ ޖޫން 30 ގައި ކަމަށް ވައިޓް ހައުސްއިން ބުނެއެވެ.