ފަސެންޖަރެއްގެ ގައިން ނުބައި ވަސްދުވާތީ ޓްރާންސޭވިއާގެ ފްލައިޓެއް އެމަޖެންސީގައި ޖައްސައިފި އެވެ.

ނެދަލޭންޑްސް އިން ފުރައިގެން ސްޕެއިންގެ ހޮލިޑޭ އައިލެންޑެއް ކަމަށްވާ ގްރޭން ކެނެރިއާއަށް ދަތުރު ކުރަމުންދިޔަ ފްލައިޓް އެމަޖެންސީގައި ޖައްސަން ޖެހުނީ ފަސިންޖަރެއްގެ ގައިން ދުވާ ނުބައިގެ ވަހުގެ ސަބަބުން އެހެން ފަސެންޖަރުންނަށް ކެތް ނުވެގެން ހޮޑުލާން ފެށުމުންނެވެ. އަދި ބައެއް މީހުން ހޭ ނެތުމުގެ ސަބަބުންނެވެ.

އެ ފްލައިޓްގައި އިން ބެލްޖިއަމް މީހެއްގެ ގައިން ނުބައިވަސް ދުވާތީ ކްރޫއިން ފުރަތަމަ މަސައްކަތް ކުރީ އޭނާ ފާހަނާ ތެރޭގައި ކަރަންޓީނު ކުރުމަށެވެ. އެހެންނަމަވެސް އެހެން ފަސެންޖަރުން ހޮޑުލާ އަނބުރައިގަނެ އަދި ވަސްނުބައިވުމުގެ ސަބަބުން ކެތް ނުވެގެން ޕައިލެޓަށް މަޖުބޫރުވީ ފްލައިޓް ޑައިވާޓް ކޮށް އިމަޖެންސީގައި ޖައްސާށެވެ.

އިމަޖެންސީގައި ލޭންޑް ކުރީ ޕޯޗުގަލްގެ ދެނުކުގައިވާ ފާރޯ އަށެވެ. ބޯޓް ޖެއްސީ ސިއްހީ މައްސަލަތަކަކާއި ގުޅިގެން ކަމަށް ބުނެ ރިޕޯޓް ކުރުމުން ބޯޓް ޖެއްސި ވަގުތު ޕޯޗްގަލްގެ ސިއްހީ އޮފިޝަލުންތަކެއް އެއާޕޯޓަށް ގޮސް ފްލައިޓްގައި އިން ނުބައިވަސް ދުވާ މީހާ ބޯޓުން ބާލައިގެން ބަހަކަށް ލައިގެން ވަނީ ގެންގޮސްފަ އެވެ.

ބޯޓުގައި ދަތުރުކުރި ބައެއް ފަސިންޖަރުން ބުނި ގޮތުގައި އެ މީހާއަކީ ގިނަ ދުވަސްތަކެއް ވަންދެން ފެން ނުވަރާ ހުރި މީހެއް ކަމަށް ބެލެވެ އެވެ. އަދި އޭނާގެ ގައިން ދުވާ ނުބައި ވަހުގެ ސަބަބުން ބޯޓުގައި ތިބި އެހެން މީހުންނަށް ހޮޑުލެވި ބައެއް މީހުން އަނބުރައިގަނެގެން ވެއްޓުނު ކަމަށްވެސް ބައެއް ފަސެންޖަރުން ކިޔާދިނެވެ.

ޓްރާންސޭވިއާ އެއާލައިންގެ ބޯޓެއް އެމަޖެންސީގައި ޖައްސާފައިވާ ކަން އެ އެއާލައިނުން ވެސް ވަނީ ކަށަވަރު ކޮށްދީފަ އެވެ.

ޓްރާންސޭވިއާގެ ތަރުޖަމާނަކު ވިދާޅުވީ އެ ބޯޓު ޖެއްސީ ސިއްހީ މައްސަލައެއް ކުރިމަތިވެގެން ކަމަށާއި، ފަސެންޖަރެއްގެ ގައިން ނުބައިވަސް ދުވި ވާހަކަ އަކީވެސް ތެދެއް ކަމަށެވެ.

"ހަމަ ހަގީގަތުގައިވެސް އެ ބޯޓުގައި އިން މީހެއްގެ ގައިން ވަރަށް ނުބައިވަސް ދުވި" ތަރުޖަމާނު ވިދާޅުވި އެވެ.