މޭގަން މާކެލް އާއި ޕްރިންސް ހެރީ ކައިވެނި ކުރިތާ ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި މޭގަންގެ ކުރީގެ ފިރިމީހާ ޓްރެވާ އެންގެލްސަން އެންގޭޖް ވެއްޖެއެވެ.

ފިލްމް ޕްރޮޑިއުސަރެއް ކަމަށްވާ އެންގެލްސަން އެންގޭޖްވެފައިވަނީ އޭނާގެ ލޯބިވެރިޔާ ޓްރޭސީ ކާލަންޑް އާއި އެވެ. ޑައިޓީޝަނެއް ކަމަށްވާ ޓްރޭސީ އާއި އެންގޭޖްވުމަށްފަހު އެންޖޭންމެންޓް އަނގޮއްޓި ފެންނަ ގޮތަށް ދެމީހުން އެކުގައި ނަގާފައިވާ ފޮޓޯއެއް އެންގެލްސަން ވަނި ސޯޝަލް މީޑިއާގައި އާންމުކޮށްފައެވެ.

އެންގެލްސަން އަކީ އޭނާ ދަންނަ އެންމެ ނަސީބުވެރި މީހާ ކަމަށާއި، ޕާޓީއަށް ތައްޔާރުވުމަށް ބުނާ ކެޕްޝަން އަކާއި އެކު މި ފޮޓޯ އިންސްޓަގްރާމްގައި އާންމުކޮށްފައިވަނީ ހުކުރު ދުވަހު އެވެ.

މޭގަން އެކޭ އެއްގޮތަށް މިއީ އެންގެލްސަންގެވެސް ދެވަނަ ކައިވެންޏެވެ. ކައިވެންޏަށް ތައްޔާރުވާކަން އެންގެލްސަން އާންމުކޮށްފައިވާއިރު އޭނާ އާއި ޓްރޭސީ އެންގޭޖްވެފައި މިވަނީ މޭގަން އާއި ޕްރިންސް ހެރީ ކައިވެނި ކުރިތާ ދެ ހަފްތާފަހުންނެވެ. މޭގަން އާއި އެންގެލްސަން ކައިވެނި ކުރީ 2004 ވަނަ އަހަރުން ފެށިގެން ރައްޓެހިވެގެން އުޅޭތާ ހަތް އަހަރު ފަހުން 2011 ގައި ޖެމެެިކާގައެވެ. މި ދެމީހުންގެ ކައިވެނި ރޫޅުނީ އޭގެ ދެ އަހަރު ފަހުންނެވެ.

އެންގެލްސަން އާއި މާކެލް ކައިވެނި ކޮށްގެން އެންމެ ފުރަތަމަ ދެމީހުން އެކުގައި އުޅުނީ ލޮސް އެންޖެސިސް ގައެވެ. އޭގެ ފަހުން މޭގަން ވަނީ އޭނާ ކުޅެމުން އައި ސީރީޒެއްގެ ޝޫޓިން އަށް ޓޮރޮންޓޯ ދިރިއުޅުން ބަދަލުކޮށްފައެވެ. މޭގަން އާއި އެންގެލްސަންގެ ކައިވެނި ރޫޅެން ދިމާވީ ދެމީހުން ވަކިން އުޅެން ޖެހުމުގެ ސަބަބުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެންގެލްސަން މަޝްހޫރުވެފައިވަނީ އޭނާ އުފައްދާފައިވާ ޓީވީ ޑްރާމާ "ރިމެމްބާ މީ" އިންނެވެ. އެ ޑްރާމާއަކީ އެމެރިކާގެ ވޯލްޑް ޓްރޭޑް ސެންޓަރ ގޮއްވާލި ހާދިސާ 9/11 އާއި ގުޅުވައިގެން ހަދާފައިވާ ޑްރާމާ އެކެވެ.