މިސްރުގެ ރައީސް އަބްދުލް ފައްތާހް އަލް ސީސީ ރައީސް ކަމުގެ ދެވަނަ ދައުރަކަށް ހުވާކުރައްވައިފިއެވެ.

ސީސީ ދެވަނަ ދައުރަކަށް ހުވާކުރެއްވުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވިދާޅުވީ މިސްރުގައި ހަމަނުޖެހުން އުފެއްދުމަށް މަސައްކަތް ކުރާ މީހުންނާއި، ހައްދުފަހަނައަޅާދިއުމުގެ ވިސްނުންތަކާއި ޓެރަރިޒަމަށް ހުޅުވިފައިވާ ހުރިހާ މަގުތައް ބަންދުކުރައްވާނެ ކަމަށެވެ.

އާ ދައުކަރަށް ސީސީ ހުވާ ކުރެއްވީ އިއްޔެ އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި އެވެ. ސީސީ ހުވާކުރެއްވި ވަގުތު 21 ބަޑީގެ ސަލާމެއް އަރުވާފައިވެއެވެ. އަދި ހަނގުރާމަ މަތީ މަތިންދާ ބޯޓުތައް ގާނޫނު ހަދާ މިޖިލީހުގެ މަތިން އުދުހިފައިވެއެވެ.

މިސްރުގައި މާޗް މަހު ބޭއްވި އިންތިހާބު ސީސީ ކާމިޔާބު ކުރެއްވީ 97 އިންސައްތަ ވޯޓުންނެވެ. މިސްރުގެ އިންތިހާބުގައި ސީސީ އާއި ވާދަކުރެއްވީ އޭނާގެ ސަޕޯޓަރެއް އެކަންޏެވެ. ސީސީ އަށް ތާއީދު ކުރާ މީހަކު އިންތިހާބުގައި ވާދަވެރިއެއްގެ ގޮތުގައި ދެއްކުމުގެ ގޮތުން ބައިވެރި ކުރީ ބައިނަލްއަގްވާމީ މުޖުތަމައަށް ދެއްކުމުގެ ގޮތުން ކަމަށް މުރާސިލުން ބުނެއެވެ.

މިސްރުގެ ރިޔާސީ އިންތިހާބުގެ ކުރިން އިންތިހާބުގައި ވާދަކުރައްވާނެ ކަން އިއުލާނު ކުރެއްވި ހުރިހާ އިދިކޮޅު ލީޑަރުންނަށް ސަރުކާރުން ވަނީ ހުރަސް އަޅާފައެވެ. ބައެއް ލީޑަރުން ޖަލުގައި ބަންދު ކުރައްވާފައިވާ އިރު ސިޔާސީ ކަންކަމުގައި ނޫޅުމަށް އަންގާ ބައެއް އިދިކޮޅު ލީޑަރުންނަށް ސަރުކާރުން އިންޒާރުތައްވެސް ދިނެވެ.

ސީސީގެ ސަރުކާރުން ގައުމަށް ހަމަޖެހުން ގެންނެވުމުގެ ނަމުގައި ހުރިހާ އިދިކޮޅު ލީޑަރުން ހިފާ ހައްޔަރުކޮށް ޖަލުގައި ބަންދުކުރެއްވި ނަމަވެސް ސީސީގެ ސަޕޯޓަރުން ބުނީ ސީސީ ގައުމަށް ހަމަޖެހުން ގެންނަވާފައިވާ ކަމަށެވެ.

ހުވާކުރެއްވުމަށްފަހު ސީސީ ވިދާޅުވީ މިސްރަކީ ހުރިހާ އެންމެންނަށް ހަމަހަމަ ތަނަކަށް ހައްދަވާނެ ކަމަށާއި، އެހެންނަމަވެސް ހައްދުފަހަނަ އަޅާފައިވާ ހަރުކަށި ވިސްނުންތައް ގެންގުޅޭ މީހުންނާއި ޓެރަރިސްޓުންނާއި ގައުމުގައި ހަމަނުޖހެުން އުފައްދަން މަސައްކަތް ކުރާ މީހުންނަށް ޖާގަ ނުދެއްވާނެ ކަމަށެވެ.

ސީސީ ސަރުކާރާއި ހަވާލުވެވަޑައިގެންނެވިފަހު މިސްރުގެ އެތައް ސަރަހައްދަކަށް ހަނގުރާމަވެރިން ވަނީ ހަމަލާދީފައެވެ. ހަނގުރާމަވެރިންގެ ހަމަލާތަކުގައިއެތައް ސަތޭކަ ސިފައިންނާއި މިސްތުގެ ގިނަ އަދަދެއްގެ އާންމުންވެސް ވަނީ މަރުވެފައެވެ.

ސީސީ ވިދާޅުވީ އިގްތިސާދު، އިޖްތިމާއީ، އަދި ސިޔާސީ ފިއްތުންތަކާއި އެކަންކަމުގައި ކުރިމަތިވާ ނޭދެވޭ ކަންކަމުން ސަލާމަތް ވުމަށް ކުރިމަތިލާނީ އެންމެން އެކުގައި ކަމަށެވެ.

މިސްރުގެ ގައުމީ އުފެއްދުންތެރިކަން ފާއިތުވި އަހަރުތަކުގައި ކުރިއަރާފައިވީނަމަވެސް އެގައުމުގައި އަދިވެސް އޮތީ ވަރަށް ނާޒުކު އިގްތިސާދެކެވެ. އިގްތިސާދު ރަނގަޅު ކުރުމުގެ ގޮތުން މިސްރުން ވަނީ 2016 ވަނަ އަހަރުގެ ޑިސެމްބަރުގައި 12 ބިލިއަން އެމެރިކާޑޮލަރުގެ ލޯނެއް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑުން ނަގާފައެވެ.