ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށާއި، ގޮފިތައް ހެދުމަށް ބޭނުންވާ ފަރާތްތަކުން ބައިވެރިވުމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.

ޖޭޕީގެ ތަރުޖަމާނު އަލީ ސޯހިލް ވިދާޅުވީ މިމަހުގެ 21 އަދި 22 ގައި ޕެރަޑައިސް އައިލެންޑް ރިސޯޓްގައި ބާއްވަން ނިންމާފައިވާ ކަމަށެވެ. އަދި ޕާޓީގެ ކޮންގްރެސްގެ ޖުމްލަ ބައިވެރިންގެ އަދަދު ކަނޑައެޅުމުގެ ހުރިހާ ކަމެއްވެސް ނިމުމަކާއި ގާތްވެފައިވާ ކަމަށެވެ.

އެހެންނަމަވެސް ވީހާވެސް ގިނަ ބައިވެރިންނަށް ފުރުސަތު ދިނުމަށާއި، ކޮންގްރެސްގައި ބައިވެރިވާން އެދޭ ފަރާތެއް އުނި ނުކޮށް ބައިވެރިކުރުމުގެ ގޮތުން އަދިވެސް ބައިވެރިވުމުގެ ފުރުސަތު ބަންދު ނުވާ ކަމަށެވެ. ކޮންގްރެސްގައި ބައިވެރިވާން އެދޭ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމަށް ބާކީ ތިން ދުވަސް އޮތްނަމަވެސް ކޮންގްރެސްގެ ބައިވެރިންނާ ގުޅޭ ގޮތުން މިހާރު ކުރިޔަށް ދަނީ އެންމެ ފަހުގެ ތައްޔާރީތައް ކަމށްވެސް އަލީ ސޯލިހް ވިދާޅުވިއެވެ.

ޖޭޕީގެ ކޮންގްރެސްއަށްފަހު ޕާޓީގެ އަސާސީ ގަވާއިދަށް ބަދަލުތަކެއް އަންނާނެ ކަމަށާއި، އޭތެރޭގެ އިންތިހާބުތައްވެސް ހިންގާނެ ކަމަށް އަލީ ސޯލިހް ވިދާޅުވިއެވެ. އެހެންނަމަވެސް ކޮންގްރެސް ބޭއްވުމަށް މާލެއިން ތަނެއް ލިބިފައި ނުވާތީ ތަފާތު ތަދިތަކާއި ކުރިމަތިވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަލީ ސޯލިހް ވިދާޅުވީ ޖޭޕީގެ އަސާސީ ގަވާއިދާއި، ސިޔާސީ ޕާޓީތަކުގެ ގަވާއިދާ އެއްގޮތަށް ޖޭޕީން ބާއްވާ ކޮންގްރެސް އަށް މާލެއިން ތަނެއް ހަމަޖެހިފައިނުވާއިރު އިލެކްޝަންސް ކޮމިޝަނުން އަންނަނީ ސިޔާސީ ޕާޓީތަކަށް ޖެއްސުން ކުރަމުން ކަމަށެވެ.

ޖުމްހޫރީ ޕާޓީ އަކީ އެހެން ޕާޓީތަކާއި ހިލާފަށް އަސާސީ ގަވާއިދުގައި ބުނާ ގޮތަށް ކޮންގްރެސްތައް ބާއްވަމުން އަންނަ ޖަލްސާއެއް ކަމަށް ފާހަގަ ކުރައްވަމުން އަލީ ސޯލިހް ވިދާޅުވީ މިވަގުތު ޕާޓީއަށް ދިމާވެފައިވާ ގޮންޖެހުންތަކުގެ ތެރޭގައި ޕާޓީގެ ލޯގޯ އާއި ދިދަ ބޭނުން ކުރެވޭ ގޮތް ނުވުން ހިމެނޭ ކަމަށެވެ. ޖޭޕީގެ ދިދަ އާއި ލޯގޯ ބޭނުން ކުރުމުގެ ހުއްދަ ދެއްވުމަށް އެދި ޝަރުއީ ކޯޓުތަކަށްވެސް ހުށަހަޅާފާ ކަމަށްވެސް އަލީ ސޯލިހު ވިދާޅުވިއެވެ.

ޖޭޕީގެ ތިންވަނަ ކޮންގްރެސް ބޭއްވުމަށް ކުރިން ހަމަޖެހިފައި އޮތީ މިމަހުގެ 28 އަދި 29 ގައެވެ. އެހެންނަމަވެސް ޖޭޕީން ވަނީ އެޕާޓީގެ ހިންގާ ކޮމިޓީގެ ނިންމުމާއި އެއްގޮތަށް ކޮންގްރެސް ބާއްވާ ތާރީހް މިމަހުގެ 21 އަދި 22 ވަނަ ދުވަހަށް އަވަސް ކޮށްފައެވެ.