ގުއަޓަމާލާގައި އަލިފާން ފަރުބަދައެއް ގޮވާ 25 މީހުން މަރުވެ އެގައުމުގެ މައި އެއާޕޯޓު ބަންދު ކޮށްފި އެވެ.

މި އަލިފާން ފަރުބަދަ ގޮވާފައިވަނީ އާދިއްތަ ދުވަހުއެވެ. ފުއޭގޯގެ ނަންދީފައިވާ މި ފަރުބަދަ ގޮވުމުގެ ސަބަބުން ގުއަޓަމާލާގެ މައި އެއާޕޯޓު ހުންނަ ސަރަހައްދުގެ ހައިވޭތަކާއި މަގުތަކަށް ގާތަކާއި އަޅިތައް ބުރައިގެން ގޮސް ގެއްލުންތައް ލިބިފައިވާތީ ގުއަޓަމާލާ ސިޓީސް އިންޓަނޭޝަނަލް އެއާޕޯޓު ވަނީ ބަންދުކޮށްފައެވެ.

ވެރިރަށް ގުއަޓަމާލާގެ ސިޓީއާ 40 ކިލޯ މީޓަރު ހުޅަނގު ދެކުނުގައި އޮންނަ ފުއޭގޯ އަލިފާން ފަރުބަދައިން ގަލާއި އަޅި އާއި ދުން ބޭރުވާތާ ދުވަސްކޮޅެއްވެއްޖެ އެވެ. މި އަލިފާން ފަރުބަދަ ގޮވުމުގެ ސަބަބުން ބުރައިގެން ދިޔަ ހޫނު މަޑުތަކެއްގެ ސަބަބުން މީހުން މަރުވެފައިވާއިރު އޭގެ ތެރޭގައި ކުޑަކުދިންވެސް ހިމެނޭ ކަމަށް ގުއަޓަމަލާގެ ޑިޒާސްޓާ އެޖެންސީން ބުނެއެވެ.

ގުއަޓަމާލާގެ ދެކުނުގައިވާ މި ފަރުބަދަ އަކީ 12،346 ފޫޓޫގެ އުސް ފަރުބަދައެކެވެ. ފަރުބަދައިގެ އަޅިތަކުން މަގުތަކާއި ކާރުތަކަށް ބުރާފައިވާއިރު އެ ސަރަހައްދުގައިވާ ގަސްތައްވެސް ވަނީ އަޅިކުލައަށް ބަދަލުވެފައެވެ.

އެ ސަރަހައްދުގެ ސަލާމަތީ ކަންކަން އެހާ ރަނގަޅު ނޫން ކަމަށް އިދާރާތަކުން ބުނެފައިވާތީ ގެއްލިފައިވާ މީހުންނާއި މަރުވި މީހުން ހޯދުމުގައި ހަރަކާތްތެރިވާ އޮފިޝަލުން ވަނީ ވަގުތީ ގޮތުން މަސައްކަތް ހުއްޓާލާފައެވެ.

ނޭޝަނަލް ކޯޑިނޭޝަން ފޯ ޑިޒާސްޓާ ރިޑަކްޝަން ގެ ވެރިޔާ ސާޖިއޯ ކަބާނާސް ވިދާޅުވީ އަލިފާން ފަރުބަދަ ގޮވުމުގެ ސަބަބުން 20 މީހުން ޒަހަމްވެފައިވާ ކަމަށާއި، 1.7 މިލިއަނަށްވުރެ ގިނަ މީހުންނަށް އަސަރުކޮށްފައިވާ ކަމަށެވެ.

ގުއަޓަމާލާގެ ރައީސް ޖިމީ މޯރާލެސް ވަނީ އަލިފާން ފަރުބަދަ ގޮވުމުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބުނު ސަރަހައްދުތަކުގައި ރެޑް އެލާޓް އިއުލާނު ކޮށްފައެވެ. އަދި މުޅި ގުއަޓާމަލާގައި އޮރެންޖް އެލާޓް ނެރުއްވާފައެވެ.

ގުއަޓަމާލާގެ ރައީސް ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމަށް ގާނޫނު ހަދާ މަޖިލީހުގައި އެދުމަށް އޭނާގެ ސަރުކާރުން ވިސްނަވަމުންދާކަމަށެވެ. އަދި މި ދަނޑިވަޅުގައި ހުރިހާ ރައްޔިތުންވެސް ކެތްތެރިކަން އިސް ކުރެއްވުމަށް ގޮވާލެއްވިއެވެ.

އަލިފާން ފަރުބަދަ ގޮވުމުގެ ސަބަބުން ގެއްލުންވީ ސަރަހައްދުތަކުން 3،000 މީހުން ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައިވާ ކަމަށާއި، މަރުވި މީހުންގެ ތެރޭގައި އާންމުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވި އޮފިޝަލެއް ހިމެނޭ ކަމަށް އޮފިޝަލުން ވިދާޅުވިއެވެ. ގެއްލުނު މީހުންގެ އަދަދު ސާފު ނުވާ ކަމަށްވެސް އޮފިޝަލުން ވިދާޅުވިއެވެ.

މަގުތަކަށް އެޅިފައިވާ އަޅިތަކާއި ގާތަން ސާފުކޮށް ގެއްލުން ލިބިފައިވާ އެއާޕޯޓުގެ ސަރަހައްދުތައްވެސް ސާފު ކުރުމަށްފަހު އަލުން އޮފަރޭޝަންތައް ފެށުމަށް އޮފިޝަލުން މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އޮފިޝަލުން ވިދާޅުވިއެވެ.