ޖޯޑަންގައި ކުރިޔަށް ގެންދާ މުޒާހަރާތަކާއި ގުޅިގެން ބޮޑުވަޒީރު ހާނީ މުލްކީ އިސްތިއުފާ ދެއްވުމަށް އެގައުމުގެ ރަސްގެފާނު އަބުދުﷲ ދެވަނަ އަންގަވައިފިއެވެ.

ޖޯޑަންގެ އާންމުން ނުރުހުން ފާޅުކޮށް މަގުތަކުގައި މުޒާހަރާ ކުރަމުންދަނީ ތަކެތީގެ އަގު ބޮޑުވުމާއި އާމްދަނީން ޓެކްސް ނެގުމަށް ހަމަޖައްސާފައިވާ ޓެކްސް ރިފޯމް ބިލްގެ ސަބަބުންނެވެ.

ޖޯޑަންގެ ރައްޔިތުން މަގުތަކުގައި މުޒާހަރާ ކުރާތާ ހަތަރުދުވަސް ވެފައިވާއިރު އެތައް ހާސް އާންމުން ވަނީ ވެރިރަށް އަންމާންގެ މަގުތައް ފުރާލާފައެވެ. އާދިއްތަ ދުވަހުގެ ރޭ ކުރިޔަށް ގެންދިޔަ މުޒާހަރާގައި އާންމުން ނުރުހުން ފާޅުކޮށްފައިވަނީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑުގެ ލަފާއާއި އެއްގޮތަށް ސަރުކާރުން ވަނީ ޓެކްސް ރިފޯމް ބިލެއް މިދިޔަ މަހު ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅާފައިވާތީ އެވެ.

ޖޯޑާންގައި މިހާރު ކުރިޔަށް ދާ މުޒާހަރާއަކީ ފަހުގެ ތާރީހެއްގައި އެގައުމުގައި ކުރިޔަށް ގެންދިޔަ އެންމެ ބޮޑު މުޒާހަރާއެވެ.

މުޒާހަރާގެ ބައިވެރިން ވަނީ ސަރުކާރުގެ އިދާރާތަކާއި މިނިސްޓްރީތައް ކައިރިއަށް އެއްވެ އެގައުމުގެ ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވާފައެވެ. ބޮޑުވަޒީރު ހާނީ މުލްކީގެ އިސްތިއުފާއަށް ގޮވާފައިވަނީ އާމްދަނީން މަގާ ޓެކްސް އިން 5 އިންސައްތަ އިތުރު ކުރުމަށް އޭނާގެ ސަރުކާރުން ހުޅަހަޅާފައިވާތީ ކަމަށް މުޒާހަރާގެ ބައިވެރިން ބުނެއެވެ.

ގައުމުގެ އިގްތިސާދު ރަނގަޅު ކުރެއްވުމާއި ސަރަހައްދީ ނުތަނަވަސް ކަމަށް ހައްލު ގެނައުމާއި ރެފިއުޖީންގެ މައްސަލައިގެ ހުރިހާ ކަމެއްގެ ޒިންމާ ނަންގަވާނެ ކަމަށް ވިދާޅުވެ މުލްކީ ޖޯޑަންގެ ބޮޑުވަޒީރު ކަމާއި ހަވާލުވެވަޑައިގެންނެވީ 2016 ވަނަ އަހަރުއެވެ.

މިއަދުގެ ވަގުތެއްގައި ރަސްގެފާނު އަބުދުﷲ އާއި މުލްކީ ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުން އޮތީ ޝާހީ ގަނޑުވަރުގައެވެ. ޖޯޑަންގެ ނުސްތައް ބުނާ ގޮތުން މުލްކީ އިސްތިއުފާ ދެއްވުމުން ދެން ބޮޑުވަޒީރުކަމުގެ މަގާމާއި ހަވާލުވެވަޑައިގަންނަވާނެ ކަމަށް ބެލެވެނީ އެޑިއުކޭޝަން މިނިސްޓަރު އުމަރް އަލް ރައްޒާގް އެވެ.

ޖޯޑަން އަކީ އިގްތިސާދީ މައްސަލަ ގިނަ ބޭރުގެ އެހީއަށް ވަރަށް ބޮޑަށް ބަރޯސާ ވާ ގައުމެކެވެ. އިގްތިސާދު ރަނގަޅުކޮށް 37 ބިލިއަން އެމެރިކާ ޑޮލަރުގެ ގައުމީ ދަރަނި ކުޑަކުރުމަށް މިހާރުގެ ސަރުކާރުން ވަނީ އިސްލާހީ މަސައްކަތްތަކެއް ފަށާފައެވެ. އެ މަސައްކަތުގެ ދަށުން ސަރުކާރުން ވަނީ އާންމު ބޭނުންތަކަށް ބޭނުންވާ ތަކެތީގެ އަގުތައް ބޮޑު ކޮށްފައެވެ.

މިއަހަރު މިހާތަނަށް ތެލުގެ އަގު ފަސް ފަހަރަށް ބޮޑުކޮށްފައިވާއިރު އެގައުމުގެ ކަރަންޓް ބިލްތައް ވަނީ 55 އިންސައްތައަށް ބޮޑުވެފައެވެ. އަންމާން އަކީ އަރަބި ގައުމުތަކުގެ ތެރެއިން ދިރިއުޅުމުގެ އަގު އެންމެ ބޮޑު ސިޓީ އެވެ.